ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށާއި، ފާއިތުވި ހަ ދުވަހުގެ ތެރޭގައި އެކަނިވެސް ހަ ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 55 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. މިއީ މުޅި މަޝްރޫއުގެ 87 ޕަސަންޓު މަސައްކަތެވެ. ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އިތުރު ޑްރެޖަރުތައް ގެނެސްގެން އަންނަނީ ބޭނުންކުރަމުންނެވެ. އެމްއޭސީއެލުން ބުނި ގޮތުގައި މިކަމަށް ބޭނުންވާ އިތުރު ޑްރެޖަރުތައް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައި ކަމަށެވެ. މި ބަދަލާ އެކު ބިން ހިއްކުމުގެ ދުވެލި ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަަނަ ދުވަހުއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ ދުވަސްކޮޅަކަށް މެދުކަނޑާލަން ޖެހުނެވެ. އެއަށްފަހު އަލުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ހުޅުމާލެ ފޭސް 3ގެ އިތުރުން ގިރާވަރުފަޅާއި ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި، ގިނަ ރައްޔިތުންނަށް ގެދޮރުވެރިކަން ފަހިކޮށްދިނުމެވެ.
