ފާއިތުވި މަހު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 179 މައްސަލަ ހުށަހަޅާފައިވާއިރު، ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 4.5 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ނިމިދިޔަ މަހު ހުށަހެޅުނު ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގައި އާންމުންނަށް 1.9 މިލިއަން ރުފިޔާގެ މާލީ ގެއްލުން ލިބިފައިވެއެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން ވަނީ، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ގެއްލުނު ފައިސާގެ ތެރެއިން 4,594,405 (ހަތަރު މިލިއަން ފަސް ލައްކަ ނުވަދިހަ ހަތަރު ހާސް ހަތަރުސަތޭކަ ފަސް) ރުފިޔާ އަނބުރާ ހޯދައިދީފައެވެ. މިއީ އެކި ގޮތްގޮތުން އޮޅުވާލައިގެން ރައްޔިތުންގެ އަތުން ފޭރިގަނެފައިވާ ފައިސާއެވެ.

މިދިޔަ މަހު ހުށަހަޅާފައިވާ 179 މައްސަލައިގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅޭ ސްކޭމްތަކެވެ. މިބާވަތުގެ 80 މައްސަލައެއް ރެކޯޑުކުރެވިފައިވާއިރު، ފިޝިން، ވިޝިން އަދި ވަޒީފާގެ ނަމުގައި އޮޅުވާލައިގެން ހިންގާފައިވާ 61 މައްސަލައެއް ވެސް ހިމެނެއެވެ. މީގެ އިތުރުން ކާކުކަން އޮޅުވާލައިގެން 44 މައްސަލައަކާއި، ޑޮލަރު ވިއްކުމާއި ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 31 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިފަދަ ކަންކަން ކުރުމަށް އައިބޭ، ފޭސްބުކް އަދި ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމަށް ރައްޔިތުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ޝައްކުކުރެވޭ ލިންކްތަކަށް ނުވަނުމަށާއި، ފައިސާ ފޮނުވުމުގެ ކުރިން އެއީ ކާކުކަން ޔަގީންކުރުމަށް އެދިފައިވެއެވެ. ވަކިން ހާއްސަކޮށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރާއިރު، އެއީ އެކަމުގެ ލައިސަންސް އޮންނަ ފަރާތެއްތޯ ކަށަވަރުކުރުމަށާއި، މުދާ ލިބުމުގެ ކުރިން ފައިސާ ނުފޮނުވުމަށް ފުލުހުން ނަސޭހަތްތެރިވެއެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށް ފުލުހުން އެދެއެވެ.