ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ އުފަންދުވަސް ފާހަގަކުރަމުންދާއިރު، އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދު އާއި ރިތިކްގެ އާއިލާއާ ދެމެދު އޮންނަ ގާތް ގުޅުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފެނިގެން ގޮސްފައެވެ.

ރިތިކް އާއި ސަބާގެ ގުޅުމުގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެފައިވާއިރު، މިހާރު ފެންނަމުންދަނީ އެ ދެމީހުންގެ ގުޅުން އާއިލީ ފެންވަރެއްގައި ވެސް ވަރަށް ބަދަހިކޮށް އޮތް ތަނެވެ. ހާއްސަކޮށް އެކި މުނާސަބަތުތަކުގައި ނަގާފައިވާ ފޮޓޯތަކުން އެމީހުންގެ މެދުގައި އޮންނަ ލޯބި ހާމަވެއެވެ.

ރިތިކްގެ ދެ ކުދިން ކަމަށްވާ ރިހާން އާއި ރިދާންއާ އެކު ސަބާ ވަރަށް ގާތްކޮށް އުޅޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެނެއެވެ. ބޭރަށް ގޮސް އުޅުމާއި، ޗުއްޓީތައް ހޭދަކުރުމުގައި ސަބާ ބައިވެރިވާއިރު، ކުދިންނާ އެކު އޮންނަނީ އެކުވެރިކަމުގެ ގުޅުމެއްކަން ފާހަގަކުރެވެއެވެ. ރިތިކް ހިއްސާކޮށްފައިވާ ފޮޓޯތަކުން، ސަބާ ވަނީ ރިތިކްގެ މުޅި އާއިލާގެ ރުހުން ހޯދައި، އެ އާއިލާގެ ތެރޭގައި އަމިއްލަ ޖާގައެއް ހޯދާފައިކަން ސާބިތުވެއެވެ. މީގެ އިތުރުން ރިތިކްގެ ކުރީގެ އަންހެނުން ސޫޒަން އާ ވެސް ސަބާ ގާތް ގުޅުމެއް ބާއްވައެވެ.

ރިތިކްގެ އުފަންދުވަހާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ތަހުނިޔާ ކިޔަމުންނެވެ. ސަބާ އާއެކު އުޅޭ އުފާވެރި މަންޒަރުތައް ފެނުމުން ފޭނުން ވެސް އަންނަނީ އެ ޖޯޑަށް ތައުރީފު ކުރަމުންނެވެ.

ރިތިކް މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމުތަކުގެ މަސައްކަތް ބުރަކޮށް ކުރަމުންނެވެ. ނަމަވެސް މަސައްކަތުގެ މާހައުލުން ބޭރުގައި އާއިލާއާ އެކު ހޭދަކުރާ ވަގުތަކީ އޭނާއަށް ވަރަށް މުހިންމު އަދި ހިތްހަމަޖެހުން ލިބޭ ވަގުތުތަކެއް ކަމަށް އޭނާ ދެކެއެވެ.