ށ. ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، ރޭގަނޑު އެ ރަށަށް ޖެއްސި ފުރަތަމަ ފްލައިޓަކަށް އެއާ އެންބިއުލާންސެއް ވެއްޖެއެވެ.
މި ދަތުރަކީ އެ ރަށުން ހާލު ބޮޑުވެގެން އިމަޖެންސީގައި މާލެ ގެންނަންޖެހުނު ބަލި މީހަކު އުފުލުމަށް ކުރި ދަތުރެކެވެ.
މި ފްލައިޓް ފުނަދޫއަށް ޖައްސާފައި ވަނީ، ރޭގަނޑު ދަތުރުތައް ކުރުމަށްޓަކައި އެ އެއާޕޯޓުގައި ލައިޓް ހަރުކޮށް، ޓެސްޓް ފްލައިޓް ޖައްސައި އެކަން ކާމިޔާބުވިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ފުނަދޫގައި ރޭގަނޑު ފްލައިޓް ޖެއްސޭނެ އިންތިޒާމު ހަމަޖެހިފައިވުމުން، އެ ސަރަހައްދުގެ ރައްޔިތުންނަށް ސިއްހީ ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ލަސްނުވެ މާލެ ދެވޭނެ މަގު މިވަނީ ފަހިވެފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ރޭގަނޑު ވަގުތުތަކުގައި ފުނަދޫ އެއާޕޯޓު ބޭނުންކުރެވޭނެ ގޮތް ހެދުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމެކެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭގައި އެކަން ނުވެ އޮތުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ވައުދު ފުއްދައިދީ، ހިދުމަތް ދޭން ފެށުމުން ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.
އެއާ އެންބިއުލާންސްގެ ހިދުމަތަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ބަލި މީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މުހިންމު ހިދުމަތެކެވެ. ފުނަދޫ ފަދަ އާބާދީ ބޮޑު ސަރަހައްދެއްގައި ރޭގަނޑު ދަތުރުތައް ފެށިގެން ދިއުމަކީ، އެއާ އެންބިއުލާންސްގެ ހިދުމަތް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
