ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަަމީތާބް ބައްޗަން އިންޑިއާގެ ސޫރަތަށް ކުރި ދަތުރެއްގައި އޭނާ ވަށާލައި ގިނަ ބަޔަކު ފުރައްސާރަކޮށް ބޮޑު ހަމަނުޖެހުމަކާ އޭނއަށް ކުރިމަތިވެއްޖެއެވެ.

އައިއެސްޕީއެލްގެ ތިންވަނަ ސީޒަނަށް ސޫރަތަށް ދިޔަ ވަގުތު އޭނާގެ ވަށައިގެން ގިނަ އަދަދެއްގެ މީހުން އެއްވެ، އޭނާއަށް ކުރިއަށް ނުދެވޭ ވަރަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ގިނަ ބަޔަކު ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަަމީތާބް ބައްޗަންގެ އުމުރުން މިހާރު 83 އަހަރު ވެފައިވާ އިރު، އެފަދަ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި އޭނާއަށް ލިބިދާނެ ގެއްލުމަކަށް ވިސްނާލުމެއް ނެތި މީހުން އުޅުނު ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސޯޝަލް މީޑިއާގަ ގިނަބަޔަކު ބުނީ އޭނާއަށް ހަމަޖެހިލައިގެން ދިރިއުޅުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި، އޭނާގެ އުމުރަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ވެސް ބައެއް މީހުން ވަނީ ފާޑުކިޔައި، އެވަރުގެ ބޮޑު ތަރިއަކު އާންމުންގެ ތެރެއަށް ނުކުންނަ އިރު ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ.