ރާއްޖޭގެ ރަށްތައް ތަރައްގީ ކުރަންވާނީ އެ ރަށެއްގައި ހުންނަ ހާއްސަ ސިފަ ނުގެއްލޭނެ ގޮތަކަށް ކަމަށް މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ސަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބ. ދަރަވަންދޫގައި އެކި ދާއިރާތަކުން ހިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ބޭއްވި "މަގޭ ދަރަވަންދޫ އެވޯޑު 2025" ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި އެކި ދާއިރާތަކުން ރަށަށް ހިދުމަތް ކޮށްދެއްވި ގިނަ ފަރާތްތަކަކަށް ވަނީ އެވޯޑު ދީފައެވެ.

ކޮންމެ ރަށަކީވެސް ވަކި ހާއްސަ ސިފަތަކެއް ލިބިގެންވާ ތަނެއް ކަމަށާއި، އެގޮތުން ދަރަވަންދޫ ރައްޔިތުންނަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރަށްތަކުގެ މިފަދަ ހާއްސަ ސިފަތަކަކީ އެ ރަށެއްގެ ތަރައްގީއާ ގުޅިފައިވާ މުހިއްމު ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތައް ތަރައްގީ ކުރެވިގެންދާއިރު އެ ރަށެއްގައި ހުންނަ ހާއްސަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްގީގެ މަސްރޫއުތައް ހިންގުމަކީ މުހިއްމު ކަމެއް،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި "ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ ރަށުގެ އަސްލު ނުގެއްލޭ ގޮތަށް ބަލައިގެން،" ކަމަށްވެސް މިނިސްޓަރު ލަފާދެއްވިއެވެ.

ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމު މުހިއްމު ކަމަށާއި، އެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވޭނީ ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދަރަވަންދޫގެ ކުރިއެރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ސުކުރު އަދާކުރައްވާފައެވެ. އަދި ރަށްތައް ތަރައްގީ ކުރުމުގައި ސަރުކާރުން އަބަދުވެސް ރައްޔިތުންގެ އަޑު އަހާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.