އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ޓަލައުޑް އައިލެންޑްސް ކައިރިއަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތު ދިން ގޮތުގައި ރިކްޓާ މިންގަނޑުން 7.1 ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައިވަނީ ކަނޑުގެ ވަރަށް އަޑިންނެވެ.
މި ބިންހެލުމުގެ އަސަރު ކައިރި ހިސާބުތަކަށް ކޮށްފައިވާއިރު، ގެތަކަށް ލޮޅުން އެރި ކަމަށް އެ ސަރަހައްދުގެ މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި ބިންހެލުމާ ގުޅިގެން ސުނާމީގެ އެއްވެސް އިންޒާރެއް ނެރެފައެއް ނުވެއެވެ. އަދި މިހާތަނަށް ބަލާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެ، ބޮޑު ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ.
އިންޑޮނޭޝިއާއަކީ ދުނިޔޭގެ ބިންހެލުންތައް އެންމެ ގިނައިން އަންނަ "ޕެސިފިކް ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމެކެވެ. އެ ގައުމަށް ދޭތެރެ ދޭތެރެއިން ބާރުގަދަ ބިންހެލުންތައް އައިސް، މީހުންގެ މުދަލަށާއި ފުރާނައަށް ގެއްލުން ލިބޭ ހާދިސާތައް ހިނގަމުންދެއެވެ.
