އަދު ދުނިޔޭގައި އިންސާނުންގެ ކެއުމުގެ އާދަކާދައަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ވަގުތު ސަލާމަތްކުރުމަށާއި ފަސޭހައަކަށްޓަކައި ގިނަ ބަޔަކު މިއަދު ބަރޯސާވަމުންދަނީ ބަންދުކޮށްފައި ހުންނަ، ގިނަ ދުވަހު ބެހެއްޓޭ ކާބޯތަކެއްޗަށެވެ. ނަމަވެސް، މިފަދަ ކާބޯތަކެތި ނުބައިވިޔަނުދީ ހިފެހެއްޓުމަށްޓަކައި ބޭނުންކުރާ ކެމިކަލް މާއްދާތައް ނުވަތަ ޕްރިޒަވޭޓިވްސްގެ ސަބަބުން އިންސާނާގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް މިވަނީ ބިރުގަންނަންޖެހޭ މިންވަރަކަށް އިތުރުވެފައެވެ.

ކާބޯތަކެތީގައި ބޭނުންކުރާ ޕްރިޒަވޭޓިވްސްއާ ގުޅޭގޮތުން ކުރެވިފައިވާ ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި، މި މާއްދާތަކަކީ ހަމައެކަނި ކާބޯތަކެތީގެ "ޝެލްފް ލައިފް" ނުވަތަ ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްދޭ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، މި މާއްދާތަކަކީ އިންސާނާގެ ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ކާނާ ހަކަތައަށް ބަދަލުކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ އެއްޗެކެވެ. މިގޮތުން ބައެއް ބާވަތުގެ ޕްރިޒަވޭޓިވްސްގެ ސަބަބުން ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރަށް ބުރޫއަރައި، 'ޓައިޕް 2' ހަކުރުބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

މިސާލަކަށް، ގިނަ ބާވަތްތަކުގެ ޕާނާއި، ޕޭސްޓްރީ އަދި ބަންދުކުރި ކާބޯތަކެތީގައި ބޭނުންކުރާ 'ޕްރޮޕިއޮނޭޓް' ފަދަ މާއްދާތަކަށް ބަލާލަމާ ހިނގާށެވެ. ދިރާސާތަކުން ސާބިތުވާގޮތުގައި މި މާއްދާގެ ސަބަބުން ހަށިގަނޑުގައި ހަކުރު އުފައްދާ ހޯރމޯންތައް މަތިވެ، ލޭގައި ހަކުރު ހުންނަ މިންވަރު އާދަޔާޚިލާފަށް އިތުރުވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑު "އިންސިއުލިން ރެސިސްޓެންޓް" ވެ، ދާއިމީކޮށް ހަކުރުބަލީގެ ޝިކާރައަކަށް އިންސާނާ ވެގެންދެއެވެ.

މީގެ އިތުރުން، ޕްރިޒަވޭޓިވްސް ގިނައިން ހިމެނޭ ކާބޯތަކެއްޗަކީ އާންމުގޮތެއްގައި މާބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ ތަކެއްޗެވެ. މިފަދަ ތަކެތި ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް ނުލިބުމުގެ އިތުރުން، ބަރުދަން އިތުރުވުމާއި ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. އެހެންކަމުން، ކާބޯތަކެތި ގަންނައިރު އޭގައި ހިމެނޭ މާއްދާތަކަށް ސަމާލުވުމަކީ ނުހަނު މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ސިއްހަތަކީ މާތް ﷲ ދެއްވާފައިވާ އަގުބޮޑު އަމާނާތެކެވެ. އެހެންކަމުން، މި ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި ކެމިކަލް އަޅާފައި ހުންނަ ކާބޯތަކެއްޗާ ދުރުހެލިވެ، ތާޒާ އަދި ގުދުރަތީ ކާނާއަށް އިސްކަންދިނުމަކީ ހަކުރުބަލި ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށްޓަކައި މިއަދު ކުރަންޖެހިފައިވާ މަޖުބޫރު ކަމެކެވެ. ހަމައެކަނި ފަސޭހައަށް ބަލައިގެން ކެއުމުގެ އާދަތައް ބެހެއްޓުމަކީ މާދަމާ ހިތާމަކުރަންޖެހިދާނެ ކަމެކެވެ.

 

ހަވާލާ: ސައިންސް ޑެއިލީ 2026