ދެކުނު ކޮރެޔާގެ ރައީސް ލީ ޖޭ މިއުންގް، އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިސްތަށި ފޭބުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އެކަމަށް ކުރާ ފަރުވާގެ ހަރަދު ގައުމީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ދަށުން ހަމަޖައްސައިދިނުމަށް ހުށަހަޅުއްވައިފިއެވެ.

މި ހަފުތާގައި ބޭއްވުނު އޮފިޝަލުންގެ ބައްދަލުވުމެއްގައި ރައީސް ލީ ވިދާޅުވީ، ކުރިން އިސްތަށި ފޭބުމަކީ ރީތިވުމަށް ކުރާ ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިހާރު އެއީ މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ "ސަވައިވަލް" ނުވަތަ ދިރިހުރުމުގެ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.

ދެކުނު ކޮރެޔާގެ މިހާރުގެ ގަވާއިދުތައް ބުނާގޮތުން، ސިއްހީ ބައްޔެއްގެ ސަބަބުން އިސްތަށި ފައިބާނަމަ އިންޝުއަރެންސްގެ އެހީ ލިބެއެވެ. ނަމަވެސް، އާއިލީ ގޮތުން ވާރުތަވާ އިސްތަށި ފޭބުމަކީ ފުރާނައަށް ނުރައްކާވާ ކަމަކަށް ނުވާތީ، އެފަދަ ފަރާތްތަކަށް މިހާރު މި ހިދުމަތެއް ނުލިބެއެވެ. މިކަމާ ގުޅިގެން ރައީސް ލީ ސުވާލު ކުރެއްވީ، ވާރުތަވާ ބައްޔަކީ ބައްޔެއްގެ ގޮތުގައި ކަނޑަނޭޅޭންވީ ސަބަބެއް އޮތްތޯއެވެ.

ރައީސްގެ މި ހުށަހެޅުމަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާއިރު، ބައެއް މީހުން އޭނާއަކީ "ތާރީޚީ ގޮތުން އެންމެ މޮޅު ރައީސް" ކަމަށް ސިފަކޮށްފައިވެއެވެ. ނަމަވެސް، މި ހުށަހެޅުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ ފަރާތްތައް ވެސް މަދެއް ނޫނެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ އިންތިޚާބާ ދިމާކޮށް ވޯޓު ހޯދުމަށް ކުރާ ކަމެކެވެ.

އިސްތަށި ފޭބުމުގެ ބޭސް ބޭނުންކުރާ ސޯލްގެ ރައްޔިތެއް ކަމަށްވާ ސޮންގް ޖީ-ހޫން ބުނިގޮތުގައި، އަހަރަކު ގާތްގަނޑަކަށް 200 ޑޮލަރު ހޭދަވާ މިކަމަށް ސަރުކާރުން ހަރަދު ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫނެވެ. އަދި ބައެއް މީހުން ބުނާގޮތުގައި، ގައުމީ އިންޝުއަރެންސް ނިޒާމު މިހާރުވެސް އޮތީ މާލީ ބޮޑު ދަތިކަމެއްގެ ތެރޭގައެވެ. މިދިޔަ އަހަރު އެކަނިވެސް އެ ނިޒާމަށް 7.7 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

ދެކުނު ކޮރެޔާގެ މެޑިކަލް އެސޯސިއޭޝަނުން ބުނެފައިވަނީ، އިސްތަށި ފޭބުމަށްވުރެ ބޮޑެތި ބަލިތަކަށް ފަރުވާ ދިނުމަށް ސަރުކާރުގެ ފައިސާ އިސްކަންދޭން ޖެހޭނެ ކަމަށެވެ. އަދި ގައުމުގައި ހުރި އެހެނިހެން އިޖުތިމާއީ މައްސަލަތައް ކަމަށްވާ އަމިއްލައަށް މަރުވުމާއި، އަންހެނުންނަށް ކުރިމަތިވާ ތަފާތުކުރުންތަކަށް ހައްލު ހޯދުމުގެ ބަދަލުގައި، މިފަދަ ކަމަކަށް އިސްކަންދިނުމަކީ ބައެއް މީހުން ގަބޫލުކުރާ ކަމެއް ނޫނެވެ.

ދެކުނު ކޮރެޔާއަކީ ރީތިކަމުގެ މިންގަނޑުތައް ވަރަށް ވަރުގަދަ ގައުމަކަށްވާއިރު، ބޯ ތަލަވުމަކީ ޒުވާނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާ ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު އިސްތަށި ފޭބުމުގެ މައްސަލާގައި ހޮސްޕިޓަލަށް ދެއްކި 240,000 މީހުންގެ ތެރެއިން 40 އިންސައްތައަކީ 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ.