ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމްއާ ދެމެދު އޮތް ގުޅުން ގޯސްވެ، އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ބްރޫކްލިން ބެކަމް މައިންބަފައިންނަށް ގާނޫނީ އިންޒާރުގެ ނޯޓިސްއެއް ފޮނުވައިފިއެވެ.
މި މައްސަލަ ފެށިފައިވަނީ ބްރޫކްލިންގެ އަންހެނުން ނިކޯލާ ޕެލްޓްޒް އާއި ވިކްޓޯރިއާއާ ދެމެދު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބްރޫކްލިން މިހާރު ވަނީ އޭނާގެ މައިންބަފައިންނާއި އާއިލާގެ އެހެން މެންބަރުން ސޯޝަލް މީޑިއާގައި ބްލޮކްކޮށްފައެވެ. އަދި އޭނާ ފޮނުވި ގާނޫނީ ސިޓީގައި އޮތީ، ސޯޝަލް މީޑިއާގައި އޭނާގެ ނަން ޓެގް ނުކުރުމަށް މައިންބަފައިންނަށް އަންގާފައެވެ.
މި މައްސަލަ އިތުރަށް ގޯސްވީ، ބްރޫކްލިން އާންމުކުރި "ރޯސްޓް ޗިކަން" އެއްގެ ވީޑިއޯއަކަށް ވިކްޓޯރިއާ "ލައިކް" ދިނުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ބްރޫކްލިން އޭނާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދިން ބްލޮކް ކުރި ނަމަވެސް، ކާފަ އަދި މާމަ ފަދަ އާއިލާގެ އެހެން މެންބަރުން ބްލޮކެއް ނުކުރެއެވެ.
"ދަ ސަން ޔޫއެސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބްރޫކްލިން ވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައިވެސް މައިންބަފައިންނަށް ސިޓީއެއް ފޮނުވައި، ދެން އެއްވެސް މުއާމަލާތެއް ކުރާނަމަ ހަމައެކަނި ވަކީލުން މެދުވެރިކޮށް ކުރުމަށް އެދިފައެވެ. އޭނާގެ މައިންބަފައިން މި އެދުމަށް އިހުތިރާމް ނުކޮށް، ސޯޝަލް މީޑިއާގައި އޭނާގެ ވާހަކަ ދައްކަމުން ދާތީ ބްރޫކްލިން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކި މަސްދަރަކުން ބުނިގޮތުގައި، ބްރޫކްލިން ބޭނުންވަނީ އާއިލީ މައްސަލަތައް އާންމުންގެ ކުރިމަތީގައި ދެއްކުމުގެ ބަދަލުގައި އަމިއްލަ ގޮތުން ހައްލުކުރުމަށެވެ. ނަމަވެސް ޑޭވިޑް އާއި ވިކްޓޯރިއާ ދެކޭގޮތުގައި، އެމީހުން ސޯޝަލް މީޑިއާގައި ކުރާ ކަންކަމަކީ ދަރިފުޅަށް ލޯބި ދިނުމުގެ ގޮތުން ކުރާ ކަންކަމެވެ.
ބެކަމްގެ ދެމަފިރިން މިހާރު ވަނީ މި މައްސަލާގައި ގާނޫނީ ލަފާ ހޯދުމަށް މަޝްހޫރު ލޯ ފާމެއް ކަމަށްވާ "ހާބޮޓްލް އެންޑް ލޫވިސް" ހަމަޖައްސާފައެވެ. މިއީ އިނގިރޭސި ރަސްގެފާނު ޗާލްސްވެސް ބޭނުންކުރައްވާ ލޯ ފާމެވެ. މި ފާމުން ގަޑިއަކަށް 800 ޕައުންޑް ޗާޖު ކުރެއެވެ.
އާއިލީ ގުޅުން ކަނޑާލައި، ގާނޫނީ މަރުހަލާއަކަށް މި މައްސަލަ ގޮސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި ގުޅުން ރަނގަޅުވާނެ ކަމުގެ އުއްމީދު ވަރަށް ކުޑަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
