ރާއްޖޭގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވަމުންދާތީ ވައިގެ ދަތުރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މިއީ ވިއްސާރަވުމުން ނުވަތަ ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެނުމަށް ދަތިވާ ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތަށް ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން ލާޒިމުކުރާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށް ވުރެ ދަށްވެއްޖެނަމަ، އާންމުކޮށް ބޭނުންކުރާ "ވިޝުއަލް ފްލައިޓް ރޫލްސް" (ވީއެފްއާރު) އުސޫލު ވަގުތީ ގޮތުން ހުއްޓާލާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި މަތިންދާބޯޓުތައް ދަތުރުކުރާނީ އިތުރު އެހީތެރިކަމާއެކު ދަތުރުކުރެވޭ "ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް" (އެސްވީއެފްއާރު) ގެ ދަށުންނެވެ. މިއީ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް، މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

މި ދުވަސްވަރު ރާއްޖޭގެ ޖައްވު ވަރަށް ބޮޑަށް ނުސާފުވެފައިވާކަން ފާހަގަކޮށްލެވެ އެވެ. އައިކުއޭ އެއާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި މަހެއްހާ ދުވަހު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 63 އާއި 172 އާ ދެމެދުގެ މިންވަރެއްގަ އެވެ. ވައިގެ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދަށް ގޮސްފިނަމަ އެއީ ސިއްހަތަށް ނުރައްކާވާ މިންވަރު ކަމަށްވާތީ ރެޑް އެލާޓް ނެރެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖޭގެ ވައި ނުސާފުވުމުގެ މައްސަލަ ދެމިގެންދާނެ އެވެ. އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުން ކަމަށެވެ. އެހެންކަމުން މޫސުން ގޯސްވެ ދުރު ފެނުން ދަތިވާ ވަގުތުތަކުގައި މި ހާއްސަ އުސޫލުތަކަށް އަމަލުކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.