ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރަމުންދާ "ޝަހީދު އަލީ ސްކޫލް" ގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ބައްލަވާލައްވައިފިއެވެ.
މި ސްކޫލްގެ އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުންދާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވަނީ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށާއިރު ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުލުހުންނާއި ކަމާ ބެހޭ އެހެނިހެން އިދާރާތަކާ އެކު މިނިސްޓަރު ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިއީ ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން ބިންގާ އެޅި ފުރަތަމަ ސްކޫލުކަމަށް ސަރުކާރުން ބުނެއެވެ. ޑިސެމްބަރު 2023 ގައި ބިންގާ އެޅި މި ސްކޫލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރުގެ އާ ދިރާސީ އަހަރާ ދިމާކޮށެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
މި ސްކޫލް އިމާރާތް ކުރަނީ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. އެގޮތުން އޭސީ ކޮށްފައިވާ 54 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ޓާފް ދަނޑެއް މި ސްކޫލްގައި އޮންނާނެއެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ނިމުމުން 1500 އެއްހާ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ސްކޫލް ހުޅުވުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދަރިވަރުންނަށް އެ ކުދިން ދިރިއުޅޭ ސަރަހައްދުން ފަސޭހަކަމާ އެކު ތައުލީމު ހާސިލު ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި މިއީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
