ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުން އަވަސްކުރުމަށްޓަކައި، ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ "އެނާޖީ ޓްރާންސިޝަން: ޕާތުވޭސް، ރީޖަނަލް އެޕްރޯޗަސް، އެންޑް ޕާޓްނާޝިޕްސް" ގެ ނަމުގައި ބޭއްވި ހާއްސަ ސެޝަނެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެ ސަރަހައްދެއްގެ މާހައުލާ ގުޅޭގޮތަށް އެ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމުގެ ނިޒާމުތައް ބަދަލުކުރުމަށް ހުރި މަގުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ސަރަހައްދީ ފެންވަރުގައި އެއްބާރުލުން ދީގެން ގުޅިގެން މަސައްކަތް ކުރުމަކީ މި ދާއިރާއިން ކުރިއެރުން ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ ހަލުވި މިނެއްގައި ގެނައުމަށް މިއީ މުހިންމު ފިޔަވަޅެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި އިންޓަނޭޝަނަލް ޕާޓްނަރުންނާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު ގެންދަވަނީ ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކޮށް، އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.