ދިވެހި އުފެއްދުންތެރިކަން ކުރިއަރުވައި، އެ ތަކެތި މާކެޓްކުރުމަށް އުފައްދާފައިވާ "އޮތެންޓިކް މޯލްޑިވްސް" އަށް ހަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ގާލާ ނައިޓެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި ހާއްސަ ހަފުލާގައި ދިވެހި ވިޔަފާރިވެރިންނާއި، އޮތެންޓިކް މޯލްޑިވްސްގެ ވިޔަފާރީގެ ބައިވެރިންގެ އިތުރުން މި ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ދިވެހި މަސައްކަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުންނާއި، މި ބްރޭންޑަށް ލިބިފައިވާ ކުރިއެރުން ފާހަގަކުރުމަށް ބޭއްވި މުހިންމު ހަފުލާއެކެވެ.

ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ހޯދައިދީފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށާއި، އެ ފަރާތްތަކުގެ އަމިއްލަ މަސައްކަތްތައް ކުރިއެރުވުމަށް މި ބްރޭންޑުން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ދިވެހިން އަންނަނީ އެމީހުންގެ އުފެއްދުންތައް ވިއްކައި ނަފާ ހޯދަމުންނެވެ. މި ބްރޭންޑް ވެފައިވަނީ ދިވެހި ސަގާފަތާއި ފަންނުވެރިކަން ރަމޒުކޮށްދޭ، އަދި ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި ވެސް ޖާގަ ހޯދައިދިނުމަށް މަގުފަހިކޮށްދޭ މުހިންމު ނަމަކަށެވެ.