ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ނުކުންނެވި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
ފޯރިގަދަ ކެމްޕޭނަކަށްފަހު ބޭއްވި މި އިންތިހާބުގައި އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ޔޫއްޕެއާ ވާދަކުރެއްވި އާދަމް އަދީމެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގެ ނަތީޖާ މިއަދު ކަށަވަރުވިއިރު، ޔޫއްޕެއަށް އިންތިހާބީ ޓިކެޓް ގެއްލިފައިވަނީ ވަރަށް ހަނި ތަފާތަކުންނެވެ. ނަތީޖާ ދައްކާގޮތުން އަދީމަށް ލިބިވަޑައިގެންފައިވަނީ 58 ވޯޓެވެ. އަދި ޔޫއްޕެއަށް ލިބިފައިވަނީ 57 ވޯޓެވެ. އެހެންކަމުން އަދީމް ކުރިހޯއްދެވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
މި ދާއިރާގެ ނަތީޖާ އިއުލާންކުރުން ލަސްވެގެންދިޔައީ ވޯޓުލުމުގެ ތެރޭގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ އިތުރަށް ވޯޓު ފޮއްޓަށް ވޯޓު ކަރުދާސް އަޅާފައިވާކަމުގެ ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް އެ މައްސަލަ ބެލުމަށްފަހު ވޯޓު އަލުން ގުނިއިރު، އެ ދާއިރާގެ ވޯޓު ފޮއްޓަށް އިތުރު އެންމެ ވޯޓެއްވެސް ލާފައި ނުވާކަން ވަނީ ޔަގީންކުރެވިފައެވެ.
ޕީއެންސީން ބޭއްވި މި ޕްރައިމަރީގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 308 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށެވެ.
