ދިރިއުޅުމުގެ ބާރު ދުވެލީގައި މަސައްކަތްތަކާއި ޒިންމާތަކުގެ ތެރޭގައި އިންސާނާ ބަންދުވެފައިވާއިރު، "ސެލްފް ޓައިމް" ނުވަތަ އަމިއްލަ ނަފުސަށް ވަގުތު ހުސްކުރުމަކީ ނަފުސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިއީ ވަރުބަލިވެފައިވާ ސިކުނޑިއަށް ތާޒާކަން ގެނެސްދީ، އަލުން މަސައްކަތްތަކަށް ކުރިމަތިލުމަށް ހަކަތަ ލިއްބައިދޭ ކަމެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމައަށް ބަލާއިރު، މި މުހިއްމު މަފްހޫމުގެ ނާޖާއިޒު ފައިދާ ނަގައި، އޭގެ ހަގީގީ މާނަ އޮޅުވާލާފައިވާ މީހުން މަދެއް ނޫނެވެ.
އަމިއްލަ ނަފުސަށް ވަގުތު ދިނުމަކީ ތިމާގެ ދީނީ، އާއިލީ އަދި ވަޒީފާގެ ޒިންމާތަކުން މުޅިން ބަރީއަވުމެއް ނޫނެވެ. އެކަމަކު ހިތާމައަކީ، "ސެލްފް ޓައިމް" ބޭނުންވާ ކަމަށް ބުނެ، އަދާކުރަންޖެހޭ އަސާސީ މަސްއޫލިއްޔަތުތަކުން ރެކިގަތުމަކީ މިހާރު އާންމުވަމުންދާ އާދައަކަށް ވުމެވެ. ބައެއް މީހުން މި ނަމުގައި އެތައް އިރެއް ވަންދެން ސޯޝަލް މީޑިއާގައި ނުވަތަ ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރާއިރު، ގޭތެރޭގެ ޒިންމާތަކާއި، އަނބިދަރިންނަށް ދޭންޖެހޭ އަޅާލުމާއި، އަދި އަދާކުރަންޖެހޭ ވަޒީފާގެ މަސްއޫލިއްޔަތުތަކައް އޮންނަނީ ފަރުވާކުޑަކޮއްފައެވެ.
ކޮންމެ ކަމެއްގައިވެސް ހައްދުފަހަނަޅައި ދިއުމަކީ އޭގެ ނޭދެވޭ އަސަރު މުޅި ދިރިއުޅުމަށް ކުރާނެ ކަމެކެވެ. އަމިއްލަ ނަފުސަށް ވަގުތު ދިނުމުގެ ނަމުގައި ކަންނެތްކަމާއި ފަރުވާކުޑަކަން އިސްކުރުމަކީ އިސްލާމީ ރީތި އުސޫލުތަކާވެސް ހިލާފު ކަމެކެވެ. އިސްލާމްދީން ބާރުއަޅަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ހުރިހާ ކަމެއްގައިވެސް މެދުމިން އިސްކުރުމަށެވެ. ތިމާގެ ނަފުސަށް އަރާމު ދޭންވާނީ އަނެކުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށެވެ.
ޒިންމާތަކުން ރެކިގަތުމަށްޓަކައި "ސެލްފް ޓައިމް"، އައްޑަނައަކަށް ހެދުމަކީ އަމިއްލަ ނަފުސަށް އޮޅުވާލެވޭ އޮޅުވާލުމެކެވެ. މިގޮތަށް ކަންތައް ކުރުމުން ވަގުތީ އުފަލެއް ލިބުނު ކަމުގައި ވިޔަސް، ދިގު މުއްދަތުގައި އޭގެ ސަބަބުން އިޖުތިމާއީ ގުޅުންތައް ހީނަރުވެ، އިތުބާރު ގެއްލިގެންދެއެވެ.
އަމިއްލަ ނަފުސަށް ވަގުތު ދިނުމަކީ މުހިއްމު ކަމެއް ނަމަވެސް، އެއީ ޒިންމާތަކުން ފިލަން ދައްކާ ބަހަނާއަކަށް ވެގެން ނުވާނެއެވެ. ހަގީގީ "ސެލްފް ޓައިމް" އަކީ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ނަފުސު ތައްޔާރުކޮށްދޭ ވަގުތުކޮޅެވެ. އެހެންކަމުން، މި މުހިއްމު ވަގުތުގެ ނާޖާއިޒު ފައިދާ ނުނަގައި، ހުރިހާ ކަމެއްގައިވެސް މެދުމިން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
