ކޮޅަށް ހުރެގެން ފެން ބުއިމަކީ އިސްލާމްދީނުގެ ރިވެތި އާދަތަކާއި ހިލާފު ކަމެކެވެ. ހަމައެއާއި އެކު ސައިންސުގެ އައު ހޯދުން ތަކުންތަކުންވެސް އެނގި ހާމަވަނީ ކޮޅަށް ހުރެގެން ފެންބުއިމަކީ އޭގެ ސަބަބުން ގެއްލުން ތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
ފެން ބުއިމަކީ ވަރަށް ހަމަޖެހިގެން ކުރަން ޖެހޭ ކަމެކެވެ. ކަރުހިއްކުމާއި ބަނޑުގެ ހައިކަން ފިލާ ދިއުމުގައި މިކަން ވަރަށްވެސް މުހިންމެވެ. ނަމަވެސް ކޮޅަށް ހުރެ ފެންބޯނަމަ، އަރުގެ ތެރެއިން ފެން ދަތުރުކުރާނީ ވަރަށް ހަލުއި ކަމާއިއެކުގައެވެ. ހަމަ އެއާއިއެކު ކޮޅަށް ހުންނަނަމަ، ހަށިގަނޑުގެ ގިނަ މަސްތައް ހުންނާނީ ހަރުވެ، ނުވަތަ ވާންވެފައެވެ. މިއަށް އިނގިރޭސިބަހުން 'ކޮންޓްރެކްޓް" ވެފައޭ ކިޔައެވެ. މިހެން މިކަން ހުރުމުން ހަލުއިކަމާއިއެކު އަރުތެރެއިން ދަތުރުކުރާ ފެނުގެ ސަބަބުން އަރުގެ ވަށައިގެންވާ މަސްތަކަށް ފިނިކަން ނުވަތަ ތެތްކަން އިހުސާސް ކުރެވޭލެއް ކުޑަވާނެއެވެ. އެހެންކަމުން ކޮޅަށް ހުރެ ފެން ބުއިމުން ކަރުހިއްކުން ފިލުމުގައި ލަސްކަމެއް އުޅޭނެއެވެ.
މީގެއިތުރުން ކޮޅަށް ހުރެ ފެން ބުއިމުން، މައިދާގެ ތެރެއަށް ފެންތައް އެޅޭނީވެސް ބާރު ޕުރެސަރެއްގައެވެ. މިކަމުގެ ސަބަބުން މައިދާގައި ހުންނަ ކާތަކެތި ނުވަތަ ދިޔަތައް މައިދާގެތެރޭގައި ތެޅެން ފަށައެވެ. ނަތީޖާއަކީ މައިދާގައި ވައި އުފެދުމެވެ. އެހެންކަމުން ކޮޅަށް ހުރެ ފެން ބުއިމަކީ އޭގެ ސަބަބުން ވައިގެ އުނދަގޫ ކުރުވާނޭ ކަމެކެވެ. ހަމައެއާއިއެކު، އެގޮތަށް ގިނަ މުއްދަތަކަށް ކޮޅަށް ހުރެ ފެން ބޯނަމަ، މައިދާގެ އެތެރޭގައި ރައްކާތެރިކަމަށް ލައްވާފައިވާ ދުލިފަށަލައަށް ގެއްލުން ލިބި މައިދާގައި ފާރު ހެދުމުގެ ފުރުސަތު ބޮޑުވެއެވެ.
ކޮޅަށް ހުރެ ފެން ބުއިމުން ދިމައިވާ އަނެއް ކަމަކީ، ކޮަޅަށް ހުރުމުން މައިދާއާއި ގޮހޮރުގެ މަސްތައް ހުންނާނީ އިސްވެ ދެންނެވުނު ފަދައިން ކޮންމެވެސް ވަރަކަށް "ކޮންޓްރެކްޓް" ވެފައެވެ. އެހެންކަމުން ކާތަކެތިން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލޭގެ ތެރެއަށް ނެގުމުގައި ލަސްތަކެއް އުޅޭނެއެވެ. އަދި ނެގޭ މިންވަރުވެސް މަދުވާނެއެވެ. ހަމަ އެއާއިއެކު ލޭގެ ތެރެއަށް ދަމާ ފެނުގެ މިންވަރުވެސް ދައްވާނެއެވެ.
ކަން މިހެން ވެއްޖެނަމަ ގޮހޮރުގެ އެންމެ ފަހަތާ ހިސާބަށް ކާތަކެތި ނުވަތަ ފެން ދާނީ އޭގައި ގިނަ އަދެއްގެ މާއްދާތައް ލޭގެ ތެރެއަށް ނުނެގެވިއެވެ. ނަތީޖާއަކީ ގޮހޮރުގެ އެންމެފަހަތުގައި ޖަމާވެފައިވާ ތަކެތީގައި ހުންނަ ފެނުގެ މިންވަރު ލޭގެ ތެރެއަށް ނެގޭއިރު އޭގައި ގިނަ އަދަދެއްގެ އެކިއެކި މާއްދާތައް ހުންނާނެއެވެ. މީގެ ސަބަބުން މިކަމުގެ ބުރަ އުފުލަން ޖެހެނީ ގުރުދާއަށެވެ (ކިޑްނީއަށެވެ). މިކަން ގިނަގިނައިން ތަކުރާރުވާނަމަ ގުރުދާގެ އެކިއެކި މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ.
މިހުރިހާކަމެއް މިހެން ހުރުމުން، ކޮޅަށް ހުރެ ފެން ބުއިމަކީ އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ކުރިމަތިކުރުވާނޭ ކަމެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ފެން ބުއިމުގައި އިސްލާމީ ރިވެތި އަހުލާގުން ދަސްކޮށްދިން، އިށީނދެ އިނދެ ފެންބުއިމުގެ ރިވެތި އާދައާއި އެއްގޮތައް އަމަލުތައް ބަހައްޓާށެވެ.
