ސައުދީގެ އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށްވާ ޝައިހް ނާސިރު ބިން އަބްދުﷲ އަލް ވަދާއީ މަރުވެއްޖެއެވެ.

ސައުދީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ އުމުރުން 142 އަހަރުގައެވެ. އޭނާ ދިރިއުޅެމުން ދިޔައީ ސައުދީގެ އަސީރު ސަރަހައްދުގައެވެ.

ނާސިރު އަލް ވަދާއީ އަކީ ސައުދީގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާ ވަނީ ސައުދީގެ ތިންވަނަ ދައުލަތް އުފެދުނީއްސުރެ، އެ ގައުމުގައި ރަސްކަން ކުރެއްވި ހުރިހާ ރަސްކަލުންގެ ވެރިކަން ދެކިފައެވެ. މީގެ ތެރޭގައި ސައުދީގެ ބާނީ އަބްދުލްއަޒީޒް އާލް ސައުދުން ފެށިގެން ގޮސް މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ވެރިކަން ހިމެނެއެވެ.

އޭނާގެ ދިގު ހަޔާތުގައި އިސްލާމީ އަޅުކަންތަކަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. މިގޮތުން އޭނާ ދުނިޔޭގައި ހުރިއިރު 40 ފަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވާކަން އާއިލާއިން ފާހަގަކުރެއެވެ. ނާސިރު މަރުވިއިރު އޭނާގެ ދަރިންނާއި ކާފަދަރިންގެ އަދަދު 100 އަށްވުރެ މައްޗަށް އަރައެވެ. އޭނާގެ ގާތް މީހުން ބުނާ ގޮތުގައި ނާސިރު އަކީ ދިރިއުޅުމުގެ ދަތިތަކާ ކުރިމަތިލުމުގައި ކެތްތެރި ނަމޫނާ ޝަހުސިއްޔަތެކެވެ.

އުމުރުން ދުވަސްވެފައި ވީނަމަވެސް، މަރުވުމާ ހަމައަށް ވެސް ނާސިރުގެ ހަނދާން ހުރި ކަމަށާއި އާންމު ސިއްހަތު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ފަހަކަށް އައިސް މުސްކުޅި ބަލީގައި އުޅުމަށްފަހު އޭނާ މަރުވީ އަމިއްލަ ރަށުގައެވެ. ނާސިރުގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.