އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ އިދާރީ މުއައްޒަފުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ހާއްސަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެ މިނިސްޓްރީގެ އިސްނެގުމުގެ މަތިން، ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓާ ގުޅިގެން ކަމަށެވެ. ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ގިނަ އަދަދެއްގެ އިދާރީ މުއައްޒަފުން ބައިވެރިވިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދަށް މުއައްޒަފުން ހޭލުންތެރިކުރުވައި، މާލީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލުކުރުމެވެ.