ލަވައެއްގެ ރަހަ ބަލާލުމަކީ ކޮންކަހަލަ ކަމެއްތޯ ބަލަން ބޭނުންވެފައި ތިބި މީހުންނަށް މިހާރު މިވަނީ އެ ފުރުސަތު ފަހިވެފައެވެ. އެމެރިކާގެ ލަސްވޭގަސްގައި ބޭއްވި ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި "ލާވާ ޓެކް ބްރޭންޑްސް" އިން ވަނީ ކާއިރު ކަންފަތަށް ލަވަ އިވޭ "ލޮލީޕޮޕް ސްޓާ" ދައްކާލާފައެވެ.
"ލޮލީޕޮޕް ސްޓާ" އަކީ "ބޯން ކޮންޑަކްޝަން" ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އާދަޔާ ހިލާފު އެއްޗެކެވެ. ނުވަ ޑޮލަރަށް ވިއްކާ މި ލޮލީޕޮޕް އަނގަޔަށްލައިގެން ބޯން ނުވަތަ ހަފަން ފެށުމުން، އޭގެ ދަނޑިކޮޅުގައި ހުންނަ އިލެކްޓްރޯނިކްސް ސިސްޓަމުން އުފައްދާ ވައިބްރޭޝަންތައް ކަތުރުކަށިގަނޑު މެދުވެރިކޮށް އެތެރެ ކަންފަތަށް ފޯރުކޮށްދެއެވެ. މީގެ ސަބަބުން ލޮލީޕޮޕް ކާ މީހާއަށް އެއިން ފޮނި ރަހަ ލިބުމުގެ އިތުރުން ސާފުކޮށް ލަވަ އަޑުއިވެއެވެ.
މި އުފެއްދުމަކީ އެއްފަހަރު ބޭނުންކޮށްލެވޭ އެއްޗެކެވެ. ލޮލީޕޮޕް ކައި ނިމުމުން، އޭގެއިން އިވޭ މިއުޒިކްވެސް ހުއްޓޭނެއެވެ. މިކަމަށްޓަކައި ލާވާ ޓެކް ބްރޭންޑްސް އިން ވަނީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއެކު ހާއްސަ އެއްބަސްވުންތަކެއް ހަދާފައެވެ.
ކޮންމެ ލޮލީޕޮޕަކަށްވެސް ހާއްސަ ރަހައަކާއި ލަވަޔަކާއި ސްޓައިލެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން "ޕީޗް" ރަހައިގެ ލޮލީޕޮޕުން މަޝްހޫރު ލަވަކިޔުންތެރިޔާ އައި-ސްޕައިސްގެ ލަވަތައް އިވޭއިރު، "ބްލޫބެރީ" ރަހައިގެ ލޮލީޕޮޕުން އިވޭނީ އޭކޯންގެ ލަވަތަކެވެ.
މި އާދަޔާ ހިލާފު އުފެއްދުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ބާޒާރަށް ނެރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި މުނިފޫހިފިލުވުމާއި ކާބޯތަކެތި އެއްކޮށްލައިގެން އުފައްދާފައިވާ އާ އުފެއްދުމެކެވެ.
