ބައްޕަ ނިޔާވިއިރު ދޮންމަންމަ ހުރީ ވަރިކޮށްފައިކަން ކަނޑައަޅައިދިނުމަށް އެދި ދަރިއަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިއީ ތަރިކަ މުދާ ބެހުމުގެ ކަންކަމުގެ ތެރެއިން އުފެދިފައިވާ ދެބަސްވުމެކެވެ. މި މައްސަލަ އެންމެ މަތީ ކޯޓަށް ހުށަހެޅީ، ދަށު ކޯޓާއި ހައި ކޯޓުން ވެސް ދަރިން އެދޭ ގޮތަށް އެކަން ސާބިތުކޮށްދެވެން ނެތް ކަމަށް ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގެ އަސްލަކީ 2021 ވަނަ އަހަރު ބައްޕަ ބަލި އެނދުގައި އޮވެ، ނިޔާވުމުގެ ހަތް ދުވަސް ކުރިން އޭނާގެ އަނބިމީހާ ވަރިކޮށް، ހެކިންގެ ހާޒިރުގައި އެކަން ލިޔުމުން ފެންނަން އޮތް ކަމަށް ބުނެ ދަރިން ދައްކާ ވާހަކައެވެ. ދަރިން ކޯޓަށް ދިޔައީ ބައްޕަ ނިޔާވިއިރު ކައިވެންޏެއް ދެމިއޮތްކަން ނުވަތަ ނޫންކަން ކަށަވަރުކޮށް، ތަރިކައިން ދޮންމަންމައަށް ވާބައި އުނިކުރުމުގެ ބޭނުމުގައެވެ.

ނަމަވެސް ދޮންމަންމަ ވަނީ ކޯޓުގައި މިކަމާ ދެކޮޅު ހަދާފައެވެ. އޭނާ ބުނެފައި ވަނީ މިއީ ތަރިކައިން އޭނާ މަހުރޫމް ކުރުމަށް، ފިރިމީހާ ނިޔާވި ފަހުން ރާވައިގެން އުފައްދާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ބައްޕަ ނިޔާވިއިރު ކައިވެނި އޮތީ ސައްހަކޮށް ކަމަށް ދޮންމަންމަ ވަކާލާތު ކުރެއެވެ.

މި މައްސަލަ ފުރަތަމަ ބެލި ފެމެލީ ކޯޓުން ނިންމީ، މީހަކު ނިޔާވުމަށް ފަހު ވަރި ސާބިތުކުރަން ކޯޓަށް ހުށަހެޅުމަކީ މުޖުތަމައުގައި ފަސާދައަށް މަގުފަހިވާ ކަމެއް ކަމަށް ވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވެސް ތާއީދުކުރީ ފެމެލީ ކޯޓުގެ އެ ނިންމުމަށެވެ.

މިދިޔަ ހަފުތާގައި މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދި ނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މި މައްސަލައަކީ މީހަކު ނިޔާވުމަށް ފަހު، އޭގެ ކުރިން ހިނގާފައިވާ ކަމަށް ބުނާ ވަރިއެއް ސާބިތުކުރުމާ ގުޅޭ ގޮތުން ނިންމާ މުހިންމު ނިންމުމަކަށް ވެގެންދާނެއެވެ.