އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތްތައް ފޮނުވައި، ދަރިވަރުންގެ އަތަށް ފޮތްތައް އަރާނެކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލުތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. މިހާތަނަށް އަތޮޅުތެރޭގެ ރަށްތަކުގެ 60 ޕަސަންޓަށް ފޮތްތައް ފޮނުވާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މާލޭގެ ގިނަ ސްކޫލުތަކުން މިހާރު ދަރިވަރުންނަށް ފޮތްތައް ދޫކުރަން ފަށާފައިވާ ކަމަށެވެ.
ފޮތްތައް ބެހުމުގެ މަސައްކަތުގައި ހުރި ދަތިތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ފޮތްތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުން އައީ އަރަބިއްޔާ ސްކޫލުގައި ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް އަމީނިއްޔާ ސްކޫލަށް ބަދަލުކޮށްފައިވާތީ ޖާގައިގެ ދަތިކަން އެބަހުރި ކަމަށާއި، މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމާއި މާރުކޭޓު ސަރަހައްދުގައި ހިނގަމުންދާ މަސައްކަތްތަކުގެ ސަބަބުން ދޯނިފަހަރަށް ފޮތްތައް ގެންދިއުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް، މި ހުރިހާ ގޮންޖެހުންތަކާއެކު ވެސް ސްކޫލުތައް ހުޅުވުމުގެ ކުރިން ފޮތްތައް ހަވާލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ. ރަށްރަށަށް ފޮތްތައް ފޮނުވަމުންދަނީ އެ ރަށެއްގެ ސްކޫލަށް އަލަށް ވަންނަ ކުދިންގެ އަދަދަށް ބެލުމަށްފަހުގައެވެ.
މި ވަގުތު ދަރިވަރުން ތިބީ ބޮޑު ޗުއްޓީގައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ދަރިވަރުން ސްކޫލަށް ނުކުތުމުގެ ކުރިން، ޓީޗަރުން މި މަހުގެ 25 ވަނަ ދުވަހު ސްކޫލުތަކަށް ނުކުންނާނެއެވެ. މިދިޔަ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެއެވެ.
