ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 79،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6 ޕަސަންޓުގެ ކުރިއެރުމެކެވެ.

މި ހިނގާ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 79،004 ޓޫރިސްޓުން ވަނީ އައިސްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،182 ޓޫރިސްޓުން ރާއްޖެއަށް އާދެއެވެ. މިއީ އާ އަހަރާ ދިމާކޮށް ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ދައްކައެވެ.

ޓޫރިޒަމް މާކެޓްތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައީ ރަޝިޔާއިންނެވެ. އެ ގައުމުން 14،638 މީހުން އައިސްފައިވާއިރު، މިއީ ޖުމްލަ އައި ޓޫރިސްޓުންގެ 18.5 ޕަސަންޓެވެ. ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީން 10،298 ޓޫރިސްޓުން އައިސްފައިވާއިރު، އެއީ ޖުމްލަ އަދަދުގެ 13 ޕަސަންޓެވެ.

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް މި ވަގުތު 1،337 ތަނެއް ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ޖުމްލަ 67،647 އެނދު އޮޕަރޭޓްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއެވެ.