ސަރުކާރުން އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ދަށަށް، އެސްޓީއޯއިން ހިންގަމުން އަންނަ ފާމަސީތަކާއި އެ ތަންތަނުގެ މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ ފާމަސީތައް އާ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ފާމަސީތަކެއް ބަދަލުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން މިހާރު ވެސް މުޅި ރާއްޖޭގައި 196 ފާމަސީއެއް ހިންގަމުން އާދެއެވެ. މި ބަދަލާ އެކު އެ ހުރިހާ ފާމަސީތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ދެން މަސައްކަތް ކުރަމުން ދާނީ އަލަށް އުފެއްދި ކުންފުނީގެ ދަށުންނެވެ.
ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ މި ކުންފުނި އުފައްދާފައި ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ޑރ. ޝާހު މާހިރެވެ.
މި ކުންފުނި އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ޑޮކްޓަރީ ބޭހާއި، ސިއްހީ ފަރުވާއަށް ބޭނުންވާ އެހެނިހެން ސާމާނު ގަނޑުކޮށް ގަނެ، ރާއްޖެ އެތެރެކުރުމެވެ. އަދި އެ ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާކުރުމަކީ ވެސް މި ކުންފުނީގެ މަގުސަދެކެވެ.
