ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަލްމަރްހޫމް މުހައްމަދު ނައީމް ހުސައިންގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މުހައްމަދު ނައީމް ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ މީގެ ބައި ގަރުނަށްވުރެ ކުރިން، ޓޫރިޒަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، އިންޓަނޭޝަނަލް ދަތުރުތައް އިތުރުކުރުމަށްޓަކައި ގައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ދޭން ފެށުން ގުޅިފައިވަނީ މުހައްމަދު ނައީމްގެ ހަނދާންތަކާ ކަމަށެވެ.
ދިވެހިންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވެރިންނަށާއި މުވަައްޒަފުންނަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މަރްހޫމް މުހައްމަދު ނައީމް ހުސައިނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.
