ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަންނަ މަހުގެ ފަސް ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ، އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހަށް ވާ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، އެ ދުވަހަކީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވާ ދުވަސް ކަމަށް ވާތީއެވެ. ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނީ، މީގެ ކުރިން ވެސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ، މި އަހަރު ވެސް އެގޮތަށް ހަމަޖެއްސެވީ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ ފެބްރުއަރީ ފަސް ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
