ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމައެސްތެޓިކް ހިދުމަތްތައް ފުޅާކޮށް، އިސްތަށި ފަޅުވައިދިނުމާއި ހަށިގަނޑުގައި ހުންނަ ލަކުނު ފިލުވައިދިނުމަށް އެހީތެރިވެދޭ ހާއްސަ ފަރުވާއެއް ކަމަށްވާ ޕްލޭޓްލެޓް-ރިޗް ޕްލާޒްމާ (ޕީއާރުޕީ) ތެރަޕީގެ ހިދުމަތް އެ ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.

މި ފަރުވާ ދިނުމުގައި ބަލިމީހާގެ ލޭގައި ހުންނަ ޕްލޭޓްލެޓްތައް ވަކިކޮށް، އެ އެއްޗެހި ކޮންސެންޓްރޭޓް ކުރެ އެވެ. މިގޮތަށް ވަކިކުރެވޭ ޕްލޭޓްލެޓްތަކުގައި ހަށިގަނޑުގެ ސެލްތައް މަރާމާތުކުރުމަށާއި، ކޮލަޖެން އުފެއްދުމަށް ބޭނުންވާ މުހިންމު މާއްދާތައް ގިނަ އަދަދަކަށް ހުރެ އެވެ. މިއީ ޓިޝޫތައް އަލުން އުފެއްދުމަށް ވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ.

އަލަށް ތައާރަފުކުރި މި ހިދުމަތުގެ ދަށުން، އިސްތަށި ފެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ހާއްސަ ފަރުވާ ދެވެ އެވެ. މި ފަރުވާއިން އިސްތަށި ފަޅާ ވަޅުތަކަށް ބާރު ލިބި، އިސްތަށި ފެޅުން އަވަސްކޮށްދެ އެވެ. ހަމައެއާއެކު، ބިހި ނެގުމުގެ ސަބަބުން ހަންގަނޑުގައި އުފެދިފައި ހުންނަ ލަކުނުތައް ފިލުވާލައި، ރީތި ހަންގަނޑެއް ހޯދުމަށް ވެސް މި ތެރަޕީ ބޭނުންކުރެވެ އެވެ.

ޑާމައެސްތެޓިކް ދާއިރާއަށް މި ހިދުމަތް ތައާރަފުކުރުމުގެ ކުރިން ވެސް ޓްރީ ޓޮޕުން އައީ ހުޅުހުޅުގެ އެކި ބަލިތަކަށް މި ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސް އާއި ލިގަމެންޓަށް ލިބޭ އަނިޔާތަކަށް ފަރުވާ ދިނުން ހިމެނެ އެވެ. މި ފަރުވާގެ ސަބަބުން ގުދުރަތީ ގޮތުން ހުޅުހުޅު ފަސޭހަވުން އަވަސްވެ، ދުޅަވުން ކުޑަކޮށްދޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ތަނުގެ އަމާޒަކީ ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިފަދަ ޒަމާނީ ހިދުމަތްތައް ތައާރަފުކުރުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު މަދުވެ، ސިއްހީ ކަންކަމަށް ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.