މާލޭގެ މަގުމަތިން މިދިޔަ މަހު ހުއްޓުވައި ސުވާލުކުރި މީހުންގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލެ ފްރޮންޓްލައިން ޕޮލިސިން އިން އާންމުކޮށްފައިވާ މި ހިސާބުތަކުން ދައްކާ ގޮތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފުލުހުން ބުނި ގޮތުގައި ނިމިދިޔަ މަހު މާލޭގެ މަގުމަތިން ޖުމްލަ 5،701 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. މި މީހުންގެ މައުލޫމާތު ބެލިއިރު އޭގެ ތެރެއިން 5،023 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުންނެވެ. އަދި ހުއްޓުވައި ސުވާލުކުރި މީހުންގެ ތެރެއިން ކުށުގެ ރެކޯޑެއް ނެތީ އެންމެ 678 މީހުންގެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މާލެ ތެރެ ބެލެހެއްޓުމުގެ ގޮތުން ފުލުހުން ވަނީ މިދިޔަ މަހު 21،521 ތަނެއް ޗެކްކޮށްފައެވެ. އަދި 103 ވެހިކަލް ޗެކްޕޮއިންޓް ގާއިމުކޮށް އުޅަނދުތައް ބަލައި ފާސްކޮށްފައިވާއިރު، ފައިމަގުގައި މާލެތެރެ ޕެޓްރޯލް ކުރުމުގައި ފުލުހުން 1،000 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ވިޒިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓްގެ ގޮތުގައި 25 ޕޮއިންޓެއް ބަލަހައްޓާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

ކުށުގެ ވެށީގައި ހިންގާފައިވާ އަމަލުތަކަށް ބަލާއިރު، މިދިޔަ މަހު ފުލުހުން ވަނީ ތަފާތު 153 ސީނަކަށް ގޮސް ހަރަކާތްތެރިވެފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 113 ތަނަކަށް ފުލުހުން ދިޔައިރު، މާރާމާރީގެ 20 ތަނަކަށާއި، ފޭރުމުގެ ހަތް ތަނަކަށް އަދި އެކްސިޑެންޓް ހިނގައިގެން 13 ތަނަކަށް ފުލުހުން ގޮސްފައިވެއެވެ.

އަވައްޓެރި ފުލުހުންގެ ދައުރު ފުޅާކުރުމުގެ ގޮތުން ވެސް މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އާންމުންނާ ބައްދަލުކޮށް މައުލޫމާތު ބަދަލުކުރުމުގެ 1،069 ހަރަކާތެއް ހިންގާފައިވާއިރު، ރައްޔިތުންގެ ކަންބޮޑުވުން ހުރި 172 ކަމެއް ހައްލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމަށް ވެސް ފުލުހުން އަންނަނީ ކެމްޕެއިންތައް ހިންގަމުންނެވެ.