މާލެ ސަރަހައްދުން ގެއްލިގެންނާއި ވަގަށް ނަގައިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން، މިދިޔަ މަހު އެކަނިވެސް 2.6 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލެ ޕޮލިސް ކޮމާންޑުން އާންމުކުރި މި ހިސާބުތަކުން ދައްކާ ގޮތުގައި، ހުސްވި މަހު ހޯދި މުދަލާއި ފައިސާގެ ޖުމްލަ އަގު 2،673،746 ރުފިޔާއަށް އަރައެވެ.
ފުލުހުން ހޯދި ތަކެތީގެ ތަފުސީލަށް ބަލާއިރު، ފައިސާގެ ގޮތުން އެންމެ ބޮޑު އަގެއް ހިއްސާކުރަނީ ސައިކަލެވެ. އެގޮތުން 1.8 މިލިއަން ރުފިޔާއަށް އަގު އަރާ 38 ސައިކަލު ވަނީ ހޯދައިފައެވެ. މީގެ އިތުރުން 154،228 ރުފިޔާގެ އަގުހުރި 18 މޯބައިލް ފޯނާއި، 19،730 ރުފިޔާގެ އަގުހުރި ހަތަރު އިލެކްޓްރޯނިކް ސާމާނު ވެސް، ހޯދި ތަކެތީގެ ތެރޭގައި ހިމެނެއެވެ.
ފައިސާ ވަގަށް ނެގުމުގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ މަހު ރިޕޯޓުކޮށްފައިވާ 40 މައްސަލައަކުން ޖުމްލަ 416،320 ރުފިޔާ ވަނީ ހޯދައިފައެވެ. އަދި އެހެނިހެން މުދާ ވަގަށް ނެގުމުގެ 50 މައްސަލައަކުން 243،467 ރުފިޔާގެ މުދާ ހޯދައިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނޮވެންބަރު މަހާ އަޅައިބަލާއިރު މިދިޔަ މަހު ވަނީ ފައިސާ ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެފައެވެ. ނޮވެންބަރު މަހު ފައިސާ ވަގަށް ނެގުމުގެ 32 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 40 އަށް އަރައިފައެވެ.
މާލެ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ސަރަހައްދަށްވުމާއެކު، ކުށްކުށުގެ ރިޕޯޓު އެންމެ ގިނައިން ހުށަހަޅަނީ މާލެއިންނެވެ. މިކަން ހައްލުކުރުމަށްޓަކައި ފުލުހުން އަންނަނީ މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ރައްޔިތުންނަށް ފަސޭހައިން ފުލުހުންގެ އެހީތެރިކަން ލިބޭނެ ގޮތްތައް ތައާރަފުކުރަމުންނެވެ.
