ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ވަގުތީ ލޯކަލް މާރުކޭޓެއް ހެދުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ. މި މާރުކޭޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ބިމުގަ އެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި މާރުކޭޓުގައި ޖުމްލަ 24 ގޮޅި ހުންނާނެ އެވެ. އަދި މިހާރު ފަށާފައިވާ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާރުކޭޓުގެ މަސައްކަތް ނިންމާލުމަށް ވަނީ އަމާޒު ހިފާފަ އެވެ.
މި މަސައްކަތަކީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މީގެ މައިގަނޑު ބޭނުމަކީ ފޭސް 2 ގައި އާބާދުވެފައިވާ ފަރާތްތަކަށް، ރޯދަ މަހު އާންމުކޮށް ބޭނުންވާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެ ސަރަހައްދުން ފަސޭހަކަމާ އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ އަދި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ފަސޭހައިން ލިބެން ހުންނަ ތަނަކަށް ހެދުމަށް އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.
