ކުރިއަށް އޮތް ހަފުތާ ބަންދާ ދިމާކޮށް، މާލޭގައި ހުންނަ ޔޫތު ހަބުގައި ދިވެހި ފިލްމުތަކެއް ހިލޭ ބެލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މިއީ ޒުވާނުންނަށް ހާއްސަކޮށްގެން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.
މި ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 16 އަދި 17 ވަނަ ދުވަހުއެވެ. މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ ޔޫތު ހަބުގައި ދެއްކުމަށް ހަމަޖެހިފައިވަނީ "އަލިފާން" ފިލްމެވެ.
ހުކުރު ދުވަހުގެ ރޭ "އަލްވަދާއު" ސްކްރީން ކުރުމަށް ހަމަޖެހިފައިވާއިރު، 17 ވާ ހޮނިހިރު ދުވަހުގެ ރޭ ދެއްކުމަށް ތާވަލުކޮށްފައިވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ފިލްމު "ފުރޭތަ" އެވެ.
މި ހަރަކާތުގައި ދެއްކުމަށް ހަމަޖެހިފައިވާ ތިން ފިލްމަކީ ވެސް 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމުތަކެކެވެ. ޔޫތު މިނިސްޓްރީން ބުނީ މި ފިލްމުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ޔޫތު ހަބަށް ގޮސް، އެއްވެސް އަގަކާ ނުލައި ފިލްމު ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
މި ފިލްމުތައް ދެއްކުމަށް ހަމަޖެހިފައިވާ ޔޫތު ހަބަކީ ކުރިން މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރި އިމާރާތާއި ގޯތި ތަރައްގީކޮށްގެން ހަދާފައިވާ ތަނެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހުޅުވި މި މަރުކަޒަކީ ޒުވާނުންނަށް އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ތަނެކެވެ.
މި ތަނުގައި މިހާރު ވެސް ޒުވާނުންނަށް ހާއްސަ އެކި ކަހަލަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އެކި ކަހަލަ ބޫޓު ކޭމްޕުތަކާއި، ހުނަރު ބަދަލުކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ވާޗުއަލް ރިއަލިޓީ ޓްރެއިނިންތައް ހިމެނެއެވެ. އަދި ޒުވާނުންގެ މެދުގައި މަގުބޫލު އެކި ކަހަލަ މަސައްކަތު ބައްދަލުވުންތަކާއި ކަލިނަރީ ހަރަކާތްތައް ވެސް މި ހަބުގައި ކުރިއަށް ގެންދެއެވެ.
