އައިޖީއެމްއެޗްގައި އުފަންވި ކުދިންގެ ތެރެއިން 700 އަށް ވުރެ ގިނަ ކުދިންގެ ގައިގައި އުފަންވާއިރު ހުންނަ ސިއްހީ އައިބުތައް ހުރިކަން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ހެދި ފުޅާ ދިރާސާއަކުން ހާމަވެއްޖެއެވެ.
މިއީ ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގައި އުފަންވި ކުދިންގެ ހަތަރު ޕަސަންޓަށް ވުރެ މަތީ އަދަދެކެވެ. މިއީ ރާއްޖޭގައި މި ދާއިރާއިން މިހާތަނަށް ކުރި އެންމެ ތަފްސީލީ އެއް ދިރާސާއެވެ.
މި ދިރާސާއަކީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ. އަހުމަދު ފައިސަލާއި، ޑރ. ހަމްސާ އާރިފް ރަޝީދާއި، ޑރ. މިހްނަތު މުސްތަފާގެ އިތުރުން ޑރ. ނިޔާޝާ އިބުރާހިމް ގުޅިގެން ހަދާފައިވާ ދިރާސާއެކެވެ. އެ ޓީމުން ވަނީ 2016 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އައިޖީއެމްއެޗްގައި އުފަންވި 17،188 ކުދިންގެ މައުލޫމާތު ތަހުލީލުކޮށްފައެވެ. ނަތީޖާ ދައްކާ ގޮތުން އޭގެ ތެރެއިން 729 ކުއްޖެއްގެ ގައިގައި އުފަންވިއިރު މަދުވެގެން އެއް އައިބު ހުއްޓެވެ.
މާނައަކީ ކޮންމެ 1000 ކުއްޖަކުން ބަލާ ނަމަ ގާތްގަނޑަކަށް 42 ކުދިންގެ ގައިގައި މިފަދަ މައްސަލަތައް ހުއްޓެވެ.
ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި އެންމެ އާންމުކޮށް ފެނިފައި ވަނީ ލޭދައުރުކުރާ ނިޒާމާ ގުޅުން ހުރި މައްސަލަތަކެވެ. ރެކޯޑު ކުރެވުނު އައިބުތަކުގެ ގާތްގަނޑަކަށް 29 ޕަސަންޓަކީ މި ބާވަތުގެ މައްސަލަތަކެވެ. އޭގެ ތެރޭގައި ހިތުގެ މައްސަލަތައް ފާހަގަކޮށްލެވެއެވެ.
ދެވަނަ އަށް އެންމެ ގިނައީ ކަށިތަކާއި މަސްތަކުގެ ނިޒާމަށް ދިމާވާ މައްސަލަތަކާއި ހަޖަމުކުރާ ނިޒާމުގެ މައްސަލަތަކެވެ. އަދި އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންގެ ގައިގައި މިފަދަ އައިބުތައް ހުންނަ މިންވަރު އިތުރުކަން ވެސް ފާހަގަކުރެވިފައިވެއެވެ.
މިފަދަ އައިބުތަކާ އެކު އުފަންވާ ކުދިންނަށް ސިއްހީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން 11 ޕަސަންޓަށް ވުރެ ގިނަ ކުދިން އުފަންވުމާ އެކު ނޭވާލެއްވުމަށް އެހީތެރިކަން ބޭނުންވިކަން ދިރާސާއިން ދައްކައެވެ. މީގެ އިތުރުން ހަށިގަނޑުން ހަކުރު ދަށްވުމާއި ހޫނުމިން ދަށްވުން ފަދަ ކަންކަން ކުރިމަތިވެއެވެ. މިފަދަ އައިބުތަކާ އެކު އުފަންވި ކުދިންގެ ތެރެއިން މަރުވި ކުދިންގެ ނިސްބަތް ހުރީ 3.7 ޕަސަންޓުގައެވެ.
ޑޮކްޓަރުން ލަފާދެއްވާ ގޮތުގައި އުފަންވާއިރު ހުންނަ ގިނަ އައިބުތަކަކީ ކުރިއާލައި ރައްކާތެރިވެވިދާނެ ނުވަތަ ފަރުވާ ކުރެވިދާނެ ކަންކަމެވެ. އެހެންކަމުން މާބަނޑުވުމުގެ ކުރިންނާއި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އަދި އުފަންވާއިރު ހުންނަ އައިބުތައް ދެނެގަތުމުގެ ނިޒާމު ހަމައެކަނި މާލޭގެ ހޮސްޕިޓަލްތަކުގެ އިތުރުން ރަށްރަށުގެ ހޮސްޕިޓަލްތަކަށް ފުޅާކުރުމަށާއި، އާންމުން މިކަމަށް ހޭލުންތެރިކުރުވުން އިތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
