މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިހާތަނަށް 1.24 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ 2025 ވަނަ އަހަރު އެކަނިވެސް ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު ލޯނުގެ ގޮތުގައި 548 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އެ އަހަރު 596 ދަރިވަރަކަށް ލޯނު ހަމަޖައްސައިދީފައިވާއިރު، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 1438 ދަރިވަރަކަށް ވަނީ ލޯނުގެ އެހީ ފޯރުކޮށްދީފައެވެ.
ސްޓޫޑެންޓް ލޯނުގެ ފުރުސަތު މިހާތަނަށް 2108 ދަރިވަރަކަށް ލިބިފައިވާ ކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން ލޯނުގެ އެހީގައި ކިޔަވައިގެން 1211 ދަރިވަރަކު މިހާރު ވަނީ ދަސްވެނިވެފައެވެ.
މި ވަގުތުވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ ލޯނުގެ އެހީގައި ތައުލީމު ހާސިލުކުރަމުންނެވެ. އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގެ 36 ގައުމެއްގައި 1740 ދަރިވަރަކު މިހާރުވެސް ކިޔަވަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ ސިޔާސަތަކީ ދަރިވަރުން އިހުތިޔާރުކުރާ ކޮންމެ ގައުމަކުންވެސް ކިޔެވުމުގެ މަގު ފަހިކޮށްދިނުމެވެ. އަދި ލޯނުގެ ފުރުސަތުތައް ދޫކުރުމުގައި ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކަށް ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
