ސަރުކާރުން ހިންގަމުން އަންނަ ހިލޭ ޑިގްރީ ޕްރޮގްރާމަށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަތީ ތައުލީމު ހޯދުމަށް ސަރުކާރުން ފަހިކޮށްދީފައިވާ ފުރުސަތުގެ ދަށުން ހިލޭ ޑިގްރީ ޕްރޮގްރާމަށް މިހާތަނަށް ޖުމްލަ 301.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އޭގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސް އެ ޕްރޮގްރާމަށް 151 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް 2،798 ދަރިވަރަކު އަލަށް ރަޖިސްޓްރީ ކުރިއެވެ. އަދި މި ވަގުތު މި ސްކީމްގެ ދަށުން 8،680 ދަރިވަރުން އަންނަނީ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކުރަމުންނެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މިދިޔަ އަހަރު ދަސްވެނިވެފައެވެ. އެގޮތުން މިދިޔަ އަހަރު 3،286 ދަރިވަރުން ކޯސް ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތަކުން އެނގެއެވެ.