ރ. ވާދޫގައި ޒަމާނީ ދަނޑުވެރިކަމާއި އިޔާދަކުރަނިވި ހަކަތައަށް ހާއްސަކޮށްގެން "ގްރީން ފާމް" ގެ ނަމުގައި ހާއްސަ މަޝްރޫއެއް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫއު ރަސްމީކޮށް ހުޅުވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ. މިއީ އެ ރަށުގެ އަންހެނުން ބާރުވެރިކުރުވުމަށާއި، ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދަނޑުވެރިކަން ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

"ވާދޫ އެސޯސިއޭޝަން ފޯ ފިއުޗާ ޑިވެލޮޕްމަންޓް" އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ގާއިމުކުރި ތަނެކެވެ.

މި ފާމްގައި 5،000 އަކަފޫޓުގެ ސަރަހައްދެއްގައި ހައިޑްރޯޕޯނިކްސްގެ 12 ނިޒާމު ގާއިމުކޮށްފައިވާއިރު، މުޅި ތަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދެނީ ހަ ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމަކުންނެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް ބޮޑެތި ތާނގީތައް ބަހައްޓައި، ވާރޭފެން ނަގައި ރައްކާކުރެވޭނެ ނިޒާމެއް ވެސް އެ ތަނުގައި ވަނީ ގާއިމުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، "މި މަޝްރޫއުގެ އެންމެ މުހިންމު އެއް ބޭނުމަކީ ހައިޑްރޯޕޮނިކްސް ދަނޑުވެރިކަމުގެ ޒަރީއާއިން އަންހެނުން ބާރުވެރިކުރުވުން،" ކަމަށެވެ. އަންހެނުންނަށް ޒަމާނީ ފަންނުތައް ދަސްކޮށްދީ، އަމިއްލައަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްވުމަކީ އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ދަނޑުވެރިން މި ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކަށް މިނިސްޓަރު ތައުރީފު ކުރެއްވިއެވެ.

މި މަޝްރޫއަކީ ޔޫއެންޑީޕީ އާއި ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ އެހީގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މިކަމަށްޓަކައި ޖަރުމަނު ސަރުކާރުގެ އެހީތެރިކަމާއެކު 50،000 ޑޮލަރުގެ ހިލޭ އެހީ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދަނޑުވެރިކަން ކުރުމުގެ އިތުރުން، މި މަޝްރޫއުގެ ދަށުން ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކުރުމާއި، ބޮނބި ބޭނުންކޮށްގެން ބޮނބިކުނޑި އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ "ސާކިއުލާ އިކޮނޮމީ" ގެ ރީތި މިސާލެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ.

ވާދޫއަކީ ޒަމާނީ ދަނޑުވެރިކަމުގެ ނަމޫނާ ރަށެއްގެ ގޮތުގައި މިހާރު ފާހަގަކުރެވޭކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ވާދޫ ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް މިފަދަ މަޝްރޫއުތަކުން ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.