ސަރުކާރުން ކުރިއަށް ގެންދާ "ހާލު ކިހިނެއް" ޕްރޮގްރާމުގެ ދަށުން މިހާތަނަށް 17،000 ގޭބިސީއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިއީ ރައްޔިތުންގެ ހާލަތު ގާތުން ބެލުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" ޕްރޮގްރާމުގެ ތިންވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން ދިމާވާ މީހުންގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
"ހާލު ކިހިނެއް" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، އެހީތެރިކަން ބޭނުންވާ މީހުން ދެނެގަތުމެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ބޭނުންވާ މީހުންނަށް އެކަން ފަހިކޮށްދިނުމަށް ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ އެކު ގާތުން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
