ޒަމާނުންސުރެ ދިވެހިންނަކީ ފުޓްބޯޅައަށް ވަރަށް ބޮޑު ތަރުޙީބެއް ދޭ ބައެކެވެ. މިއީ ވަކި ޖިންސަކަށް އޮތްކަމެއްވެސް ނޫނެވެ. އެގޮތުން ކޮންމެ ބަޔަކުވެސް އެބަޔަކު ތާއީދުކުރާ ޓީމެއްގެ ޖާރޒީއާއި ދިދައާއި އެހެނިހެން ސާމާނު އެއްކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ވާދަބަސް ބުނެ އުޅުމަކީ އާންމު ކަމެކެވެ. މިހާރު މިކަން ހިނގަނީ މީސްމީޑިޔާގެ އެކި މަންސަތަކުގައެވެ.

މިގޮތުން މިއަހަރަށް އެންމެ ފާހަގަކުރެވޭ ކަމަކީ ޑިޖިޓަލް ފޭސް ޕެއިންޓިންގއެވެ. މިއީ މީގެ 10 ވަރަކަށް އަހަރު ކުރިންވެސް ކުރަމުން އައި ކަމެކެވެ. ނަމަވެސް މި އަހަރު މިކަން ވައިގައި ހިފައިގެން އުޅޭ އެންމެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އެންމެން ވެސް ލޮކްޑައިންގައި ތިބެން ޖެހުމެވެ. ލޮކްޑައުންގެ ކުރިން ނަމަ ގްރޫޕް ހަދައިގެން މެޗްބަލަން އެއްވާ ތަންތަނުގައި ފޭސް ޕެއިންޓް ކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުރެއެވެ. އަދި ރާއްޖޭގައި ކުޅޭ މެޗްތަކަށް ދަނޑަށް ވަންނަ އިރު މިހެން ޕެއިންޓް ކުރުން މިއީ ވަރަށް އާންމު ކަމެކެވެ. ބައެއް މީހުން ޕެއިންޓް ކުރަނީ މޫނު އެކަންޏެއްވެސް ނޫނެވެ.


ޑިޖިޓަލް ފޭސް ޕެއިންޓިންގގެ ޚިދުމަތް އެންމެ ފުޅާކޮށް ދެމުންދާ "ދަ ކޮންސެޕްޓް"ގެ ފަރާތުން ތީރަށް މައުލޫމާތު ދެމުން ބުނީ، "އަޅުގަނޑުމެންގެ ޕޭޖްއަށް ނުވަތަ ވަޓްސްއަޕް އަށް މެސެޖެއް ކޮށްލަންވީ، ޕެއިންޓް ކުރަން ބޭނުންވާ ފަރާތުގެ ފޮޓޯއަކާ ސަޕޯޓް ކުރާ ޓީމްގެ ނަން. އޭރުން އެކަން ހަމަ ޖެހޭނެ. ވަކި ޑިޒައިނެއް ބޭނުންނަމަ އެކަންވެސް އަންގާލަ ދޭންވީ. އަޅުގަނޑުމެން ވަރަށް ފްލެކްސިބަލްވާނެ" ކަމަށެވެ.

"ދަ ކޮންސެޓް" އަކީ މިފަދަ ފުޓުބޯޅައިގެ ބޮޑު ކޮންމެ މުބާރާތަކާ ދިމާކޮށް މިކަން އިންތިޒާމް ކުރާ ބައެކެވެ. ޑިޖިޓަލް ފޭސް ޕެއިންޓިންގެ އެންމެ ބޮޑު ދެ ފައިދާއަކީ ތިމާވެއްޓާ ރައްޓެރިވެފައި އެލަރޖިކްތަކާ ދުރުގޮތަކަށް، އެމީހަކު ސަޕޯޓްކުރާ ޓީމްގެ ކުލަ ނުވަތަ ދިދަ މޫނުގައި ކުރަހާލުން ކަމަށްވެސް އެފަރާތުން ފާހަގަ ކުރިއެވެ.

ޔޫރާ ފެށެން ކުޑަދުވަސް ކޮޅަކަށް ވެފައިވާ ދަނޑިވަޅެއްގައި ފުޓްބޯޅައަށް ތާއީދުކުރާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ. މީސްމީޑިޔާގެ ޕްރޮފައިލް ފޮޓޯތަކަށް ބަލާލުމުން ކޮންމެމީހަކު ސަޕޯޓްކުރާ ޓީމް ވަރަށް ފަސޭހައިން އެނގިގެންދާނެއެވެ. އަދި މުބާރާތުގެ ވަކި ހިސާބަކުން ޓީމް ބަދަލުކުރާ މީހުންވެސް މިފަހަރު ވަރަށް ފަސޭހައިން އެނގިގެން ދާނެއެވެ.
