ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތް ގަލޮޅު ޕާކު، ކަސްރަތު ކުރާނެ ވަސީލަތްތަކާއި ކުޅިވަރު ކުޅޭނެ ކޯޓުތަކާ އެކު ތަރައްގީކޮށް އާންމުންނަށް ހުޅުވާލައިފި އެވެ. ޒަމާނީ ބަދަލުތަކާ އެކު ތަރައްގީކުރި މި ޕާކު ރަސްމީކޮށް ހުޅުއްވައިދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.

މި ޕާކަކީ ވޭތުވެދިޔަ 10 އަހަރު ދުވަހު ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ތަނެކެވެ. މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި "މި ތަން އަލުން ޑިޒައިންކޮށް ތަރައްގީކުރީ ގަލޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން، އެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު،" ކަމަށެވެ.  މިއީ އެ ސަރަހައްދުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ޕާކެކެވެ.

އާންމުންނަށް ބޭނުންކުރެވޭނެ ގިނަ ވަސީލަތްތަކެއް މި ޕާކުގައި ވަނީ ގާއިމްކޮށްފަ އެވެ. އޭގެ ތެރޭގައި އައުޓްޑޯ ޖިމަކާއި، ތްރީ އޮން ތްރީ ބާސްކެޓް ކޯޓެއްގެ އިތުރުން ބެޑްމިންޓަން ކޯޓެއް ހިމެނެ އެވެ. މީގެ އިތުރުން ކުޑަކުދިން ކުޅޭނެ ވަސީލަތްތަކާއި، ތުއްތު ކުދިންނަށް ހާއްސަކޮށް ސްލައިޑާއި އުނދޯލި ފަދަ ތަކެތި ވެސް ޕާކުގައި ވަނީ ބަހައްޓައިފަ އެވެ.

ޕާކު ހުޅުއްވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ރޭވި ގޮތަށް މި މަސައްކަތް ނިންމާލެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށެވެ. މާލެ ސިޓީގައި ޖާގަ ލިބެން އޮތް މިންވަރަކުން ހިތްފަސޭހަ މައިޒާންތައް ގާއިމްކޮށްދިނުމަކީ އަމާޒެއް ކަމަށާއި، މި ޕާކު ބޭނުންކުރާ ފަރާތްތަކުން ތަން ރީތިކޮށް ބޭއްވުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

މި ޕާކު ހުޅުވުމުގެ އިތުރުން، މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މާލެއަށް ގެނެސްދެއްވި ބައެއް އެހެން ކުރިއެރުންތައް ވެސް އާޒިމް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމާއި، ބުޅާތަކަށް ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން ނުނިމި އޮތް އާސަހަރާގެ މަސައްކަތް ނިންމާލުން ހިމެނެ އެވެ.