މާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ހައްޔަރުކުރި މީހަކު، އޭނާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް ބުނެ ބަންދަށް ލުއިކޮށްދިނުމަށް އެދުނު ނަމަވެސް ކޯޓުން އެކަން ގަބޫލުނުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ މުހައްމަދު އީވާން ހާމިދު އާއި އުމުރުން 31 އަހަރުގެ މުހައްމަދު ރާއިދު އަލީ އަސްގަރު އެވެ.

މި ދެ މީހުން ހައްޔަރުކުރީ މި ހިނގާ މަހުގެ ފަސް ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު އެ ތަނުން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.

ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ރާއިދު ވަނީ އޭނާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ބުނެ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ އޭނާގެ ނަފްސާނީ ހާލަތު ހުންނަ ގޮތުން، އެ ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އެހެން މީހުން އޭނާ ލައްވާ ކުށްކުރުވަނީ ކަމަށެވެ. މިއީ މީގެ ކުރިން ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއްގައި ވެސް އޭނާ ފާހަގަކުރި ނުކުތާއެކެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އޭނާ ބަންދުން ދޫކޮށްލަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ. އެހެންކަމުން ކޯޓުން ވަނީ ރާއިދު އާއި، މި މައްސަލައިގައި ދެން ހިމެނޭ އީވާންގެ ބަންދަށް ވެސް 30 ދުވަސް އިތުރުކޮށްފަ އެވެ.

އީވާންގެ ފަރާތުން ކޯޓުގައި ވަކި ހާއްސަ ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ބައެކެވެ.