ސައިކަލް ވައްކަން ކުރުމުގެ ގިނަ ރެކޯޑްތަކެއް އޮތް ދިވެއްސަކު އަނެއްކާ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްގައި އުޅެނިކޮށް އިއްޔެ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 06:29 އެހައިކަންހާއިރު، ހުޅުމާލެ ހައިވަކަރުމަގުގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ޝައްކުކުރެވިގެން ހުއްޓުވާފައިވަނީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މީގެ ކުރިންވެސް ސައިކަލު ވަގަށް ނެގުމުގެ ގިނަ ކުށުގެ ރެކޯޑްތަކެއް އޮންނަ މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ ހުއްޓުވައި ސުވާލުކުރިއިރު، އޭނާ ދުއްވަމުންދިޔައީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުމާ ގުޅިގެން ފުލުހުން ވަނީ އިއްޔެ އޭނާ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މާލެ ސަރަހައްދުގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކަކީ އާންމުވަމުންދާ ކަމެކެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވައްކަމުގެ މައްސަލަތަކަކީ ކޮންމެ އަހަރަކުވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.