ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކޮށްފައިވާ އިނގިރޭސިވިލާތުގެ ދެމަފިރިއަކު، އއ. އެއްލައިދޫ ބައި ސިނަމަން ރިސޯޓު ކައިރީގައި ޑައިވްކުރަނިކޮށް ހިނގި ހާދިސާއެއްގައި މަރުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ 'ޑެއިލީ މެއިލް' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 70 އަހަރުން މަތީގެ ރިޓަޔާޑް ދެމަފިރިން ކަމަށްވާ އަލެއިން ރިޗްމަންޑާއި އޭނާގެ ފިރމީހާ މެލްކަމް ރިޗްމަންޑެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިނގި މި ހާދިސާގައި، އެ ދެމަފިރިން ފެނިފައިވަނީ ކަނޑުމަތިން އޮޔާދަނިކޮށެވެ. އަދި މޫދުން ނެގި އިރުވެސް އަންހެން މީހާ އޮތީ މަރުވެފައި ކަމަށާއިފިރިހެން މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން، މިދިޔަ މަހުގެ 22 ވަނަ ދުވަހުގައި ކަމަށް ވެސް ރިޕޯޓް ތަކުން ބުނެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
އެ ދެމަފިރިންގެ ޖަނާޒާގެ ކަންކަން އިންތިޒާމުކުރާ ފަރާތާ ހަވާލާދީ 'ޑެއިލީ މެއިލް' އިން ބުނެފައިވަނީ، މި މަރުތަކުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެ ދެމަފިރިންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ކަމަށް ވެސް ރިޕޯޓް ތަކުން ބުނެއެވެ.
މި ދެމަފިރިންނަކީ އެއްލައިދޫ ރިސޯޓަށް ވަރަށް ގިނައިން ޒިޔާރަތްކުރާ ބައެކެވެ. އެގޮތުން އެ ރިސޯޓަށް 60 ފަހަރު ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރު އެކަނިވެސް ތިން ފަހަރަށް ރާއްޖެ އައިސްފައިވެއެވެ. އަދި ފާއިތުވި 17 އަހަރުގެ ކްރިސްމަސް ޗުއްޓީވެސް އެ ދެމަފިރިން ހޭދަކޮށްފައިވަނީ އެއްލައިދޫ ރިސޯޓުގައެވެ. އަދި އެ ދެމަފިރިންގެ ދަރިއަކު ނުހުންނަކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
ރާއްޖެއަކީ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ނުހަނު ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ، ހިތްގައިމު މަންޒިލެކެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދެވޭ ފުރިހަމަ މެހެމާންދާރީގެ ސަބަބުން، ތަކުރާރުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެހެންނަމަވެސް، ނިސްބަތުން މަދުން ނަމަވެސް، ބައެއް ފަހަރު ހިތާމަވެރި ހާދިސާތައް ހިނގާފައި ހުރެއެވެ.
