މާލޭގައި ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތި ގެންގުޅުނު މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 100 އަހަރުގެ ޖަލު ހުކުމަކާއެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމް ކުރެވުނީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު އަވަށު، ނިޝާން، އަހުމަދު ޔާސިހުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތަރު ދައުވާ ވެސް ޝަރީއަތަށް ސާބިތުވެފައިވާތީ، ކޮންމެ ދައުވާއަކަށް 25 އަހަރުގެ ޖަލު ހުކުމަކާއި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ހަތަރު ދައުވާގެ ޖުމްލަ އަދަބެއްގެ ގޮތުން އޭނާ 100 އަހަރަށް ޖަލަށްލުމާއެކު، ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ފެންމަތިވީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، މާލޭގެ ގެއެއްގެ ދޮރުމަތީގައި ކެނަބިސް ގަހެއް ހުއްޓާ ފުލުހުންނަށް ފެނުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލާގައި ޔާސިހު ހައްޔަރުކުރި ދުވަހުން ފެށިގެން އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ.