ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލުމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.
މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓާއި ގޯތި ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އާ އުސޫލު ސަރުކާރުން އާންމުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ. އަދި މި މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވޭނެ ވާހަކަ ވެސް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15،000 ގޯތި ދޫކުރުމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ބޯހިޔާވަހިކަމުގެ މި މަޝްރޫއަށް ފޯމު ހުށަހަޅަންޖެހެނީ ހައުސިން މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓރީއިން ވަނީ ބުނެފައެވެ. މި ޕޯޓަލްއަށް ލޮގިން ވެވޭނީ "އީފާސް" ބޭނުންކޮށްގެން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިފަހަރުގެ ފްލެޓް ދޫކުރުމުގައި މުޖުތަމައުގެ އެކި ދާއިރާތަކަށް ހާއްސަ އިސްކަމެއް ދީގެން 15 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރޭގައި:
18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން: 100 ފްލެޓު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް: 100 ފްލެޓު
ޒުވާނުން: 250 ފްލެޓު
ޓެކްސީ ޑްރައިވަރުން: 50 ފްލެޓު
ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުން: 200 ފްލެޓު
ޝަރުއީ ދާއިރާގެ މުވައްޒަފުން: 100 ފްލެޓު
މަސްވެރިން: 100 ފްލެޓު
ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް: 50 ފްލެޓު
ލިޔުން ލިބި ފްލެޓު ހަވާލު ނުކުރާ ފަރާތްތައް (ވެށިފަހި/ހިޔާ): 500 ފްލެޓު
ބޯހިޔާވަހިކަމެއް ނެތް ފަގީރު އާއިލާތައް: 50 ފްލެޓު
ދިވެހި ފުލުހުން: 100 ފްލެޓު
އެމްއެންޑީއެފް: 100 ފްލެޓު
ސިވިލް ސާވިސް މުވައްޒަފުން: 200 ފްލެޓު
ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން: 100 ފްލެޓު
ހާއްސަ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން: 400 ފްލެޓު
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދީ، އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.
