މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީން ގިނަ ހަރަކާތްތަކެއް ރާވައި، ތިން ދުވަހުގެ މުއްދަތަށް އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހަކީ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ "ޝާއިރުއް ޝަބާބު" ގެ ލަގަބު އަރުވާފައިވާ އަލްމަރުހޫމް އިބްރާހީމް ޝިހާބަށެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ޅެންވެރިންގެ ދުވަހުގެ ހަރަކާތްތައް ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ހަރަކާތްތަކުގެ ތެރޭގައި ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމްތަކާއި، ދުވަހާ ގުޅޭ ރަސްމީ ޖަލްސާއެއް ބޭއްވުން ހިމެނެއެވެ.
ރާއްޖޭގައި ޅެންވެރިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ދިވެހި އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ އެންމެ ރީތި އެއް ފަންނު ކަމަށްވާ ޅެންވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ. އަދި ޅެންވެރިން ކޮށްދެއްވާފައިވާ އަދަބީ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ޅެން ހެދުމުގެ ފަންނަށް ޝައުގުވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު މަގުސަދެކެވެ.
