ވެމްކޯއަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމަށް ދަތިވެފައިވާތީ، އެ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.

ވެމްކޯއިން މިކަން ހާމަކުރީ މުވައްޒަފުންގެ ޕެންޝަނަށް ވާ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތް މައްސަލައެއް ފެންމަތިވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މުވައްޒަފުންގެ ޕެންޝަނަށް ދައްކަންޖެހޭ 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދެއްކި ވަނީ ވެމްކޯއިން ދެމުން އަންނަ ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރުމުންނެވެ. އާންމު ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކަށް ދެމުންދާ ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ބަރާބަރަށް ނުލިބޭކަން ވެމްކޯއިން ފާހަގަކުރެއެވެ.

މިގޮތުން، މާލެ ސިޓީ ކައުންސިލުން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ އަދިވެސް ނުލިބޭކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެ ފައިސާ ހޯދުމަށް 2024 ވަނަ އަހަރާއި މި ހިނގާ 2025 ވަނަ އަހަރު ވެސް ކައުންސިލާ އެކު އެކި ފަހަރު މަތިން ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށްފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ. ނަމަވެސް މިހާތަނަށް އެ ފައިސާ ލިބިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހަމައަށް ދިނުމަށް، ލިބެންޖެހޭ އާމްދަނީ ބަރާބަރަށް ލިބުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން، ނުލިބި ހުރި ފައިސާ ހޯދައިދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް މިހާރު ވަނީ ހުށަހަޅާފައެވެ. އަދި މިހާރު ވެސް އެކަމާ ގުޅޭ މަޝްވަރާތައް މިނިސްޓްރީއާ އެކު ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ޕެންޝަން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ޕެންޝަން އޮފީހާ އެކު ވެސް އަންނަނީ ވާހަކަދައްކަމުންނެވެ. ވެމްކޯއިން ބުނީ ވަރަށް އަވަހަށް މި މައްސަލަ ހައްލުކޮށް، މުވައްޒަފުންނަށް ހައްގުވާ ޕެންޝަން ފައިސާ ގަވާއިދުން ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.