ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ފަސް ތަނެއް ބަލައި ފާސްކޮށް، ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި އިމިގްރޭޝަން ގުޅިގެން އުފައްދާފައިވާ ހާއްސަ ޓާސްކްފޯސް އަކުން ސިލްސިލާކޮށް ކުރިއަށް ގެންދާ މަސައްކަތެކެވެ. އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގެ ދަށުން އިއްޔެ މާލޭގައި ހިންގަމުންދިޔަ ފަސް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އެތަންތަނުން ގަވާއިދާ ހިލާފަށް އުޅުނު ތިން މީހަކު ހިފަހައްޓާފައިވާ ކަމަށެވެ.
މީގެ އިތުރުން ހޯމަ ދުވަހު ވެސް މި ޓާސްކްފޯސްއިން ވަނީ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށްފައެވެ. އެ ދުވަހު ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި ވެސް ގަވާއިދާ ހިލާފަށް އުޅުނު ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެކަން ހުއްޓުވުމެވެ. އަދި ރާއްޖޭގައި ހިންގާ ވިޔަފާރިތަކަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިންގާ ތަންތަންކަން ކަށަވަރު ކުރުމެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓުކޮށްލާފައެވެ.
