މާލޭގެ ގެއަކަށް ވަދެ ގިނަ އަދަދެއްގެ އަނބު ވަގަށް ބިން މައްސަލައެއްގައި މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މިދިޔަ އާދިއްތަ ދުވަހު ކޯޓުން މި ހުކުމް އިއްވާފައިވަނީ ކ. ދިއްފުށީ މީހެއްގެ މައްޗަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރީ ގ. ކަންޒުދޮށުގެއަށް އެގޭ ވެރިފަރާތުގެ ހުއްދަ ނެތި ވަދެ، އެގޭ ގޯތިތެރޭގައި ހުރި އަނބުގަހުން 127 އަނބު ބިން މައްސަލައިގައެވެ. މިކަމާ ގުޅިގެން އޭނާގެ މައްޗަށް އުފުލީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުވާއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމުން، އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އޭނާގެ މައްޗަށް ކަނޑައަޅާ އަދަބު ލުއިކޮށްދިނުމަށް ވެސް ޝަރީއަތުގެ މަޖިލީހުގައި އޭނާ އެދުނު ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އިއުތިރާފާއެކު މައްސަލަ ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މައްސަލަ ބެލުމަށްފަހު ގާޒީ ހުކުމް ކުރެއްވީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް އޭނާ ޖަލަށް ލުމަށެވެ. މީގެ އިތުރުން ވައްކަން ކުރުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ. މި ހުކުމް ތަންފީޒުކުރަން ފަށާނީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހުގައެވެ.