ކުރިއަށް އޮތް ދިރާސީ އާ އަހަރަށް ސްކޫލްތައް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ އުމްރާނީ މަސައްކަތްތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި ދެ އަހަރަކީ ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށާއި މަރާމާތަށް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދުވަސްވަރު ކަމަށެވެ. މި ފަހަރުގެ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސްކޫލްތަކުގެ މަރާމާތުގެ ކަންކަމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވެގެން މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުން ހުށަހެޅި ހުރިހާ ކަމަކަށް މިހާރު ހުއްދަ ދީފައިވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ. މީގެ ތެރޭގައި ސްކޫލް އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ކަރަންޓު ވައިރު ކުރުމުގެ މަސައްކަތްތަކުގެ އިތުރުން ދޮރުތައް ބަދަލުކުރުމާއި ފާހާނާތައް މަރާމާތުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހުޅުވުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ މަރާމާތުގެ މަސައްކަތްތައް، ޗުއްޓީ ދުވަސްވަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި ކިޔަވައިދިނުން ފެށުމަށްފަހު، ކުދިންގެ ކިޔެވުމަށް ދަތިނުވާނެހެން ކުރިއަށް ގެންދެވޭނެ ފަދަ މަސައްކަތްތައް އަހަރުގެ ތެރޭގައި ކުރަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިރާސީ އާ އަހަރަށް މަރުހަބާ ކިޔުމަށް ސްކޫލްތަކުން ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނައިރު، ސަރުކާރުގެ އަމާޒަކީ ދަރިވަރުންނަށް ރައްކާތެރި އަދި ކިޔަވަން ފަސޭހަ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.