ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ފުރަތަމަ ކެރިއާ ގައިޑެންސް ފެއާ މިއަދު ފަށާނެއެވެ.

"ޔުނިވާސިޓީ އެޑްމިޝަން 2026" ގެ ނަމުގައި ކުރިއަށް ގެންދާ މި ފެއާއަކީ މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ.

މި ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްއެންޔޫގެ މައި ކެމްޕަހުގައެވެ. ފެއާ އޮންނާނީ މި ހިނގާ ޖެނުއަރީ މަހުގެ 15، 18 އަދި 19 ވަނަ ދުވަހުއެވެ. މި ތިން ދުވަހު ވެސް ހަވީރު 4:00 އިން 6:00 އަށް ފެއާގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެ ޔުނިވާސިޓީން މައުލޫމާތު ދެއެވެ.

އެމްއެންޔޫ އިން ބުނި ގޮތުގައި މި ފެއާގައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ އިންޓޭކަށް ހުޅުވާލާފައިވާ ކޯސްތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެވޭނެއެވެ. މީގެ ތެރޭގައި ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޕީއެޗްޑީ ފެންވަރާ ހަމައަށް ހުރި ތަފާތު އެކި ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

މި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ވަޒީފާގެ މާހައުލަށް ނުކުތުމަށްޓަކައި ހިޔާރުކުރާނެ ރޮނގަކާ ގުޅޭގޮތުންނާއި، ޔުނިވާސިޓީގައި ކުރިއަށްގެންދާ ކޯސްތަކާ ބެހޭގޮތުން ސުވާލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.