ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮންމެ އަހަރަކު ދެމުން އަންނަ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
މިއީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދޭ ޝަރަފުވެރި އެވޯޑެކެވެ.
މި އެވޯޑު ދިނުމުގެ މައިގަނޑު މަގުސަދަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ފަރުދީ ފެންވަރުގައާއި ޖަމާއަތުގެ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމެވެ. އަދި ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމަކީ ވެސް މި އެވޯޑު ދިނުމުގެ ބޭނުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ އަމިއްލަ ފަރުދުންނާއި، މަދަނީ ޖަމިއްޔާތަކާއި އަދި ސަރުކާރުގެ އިދާރާތަކަށް ވެސް ހުޅުވާލައިފަ އެވެ. އެވޯޑަށް މީހުން ހޮވުމުގައި ބަލާނީ އެ އަހަރެއްގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރާ ގުޅޭގޮތުން އެ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކަށެވެ. ކުރިއަށް އޮތް ފަހަރުގެ ޝިއާރަކީ ނިކޮޓިން އާއި ދުންފަތަށް ދެވިހިފުމާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ޝިއާރެކެވެ.
އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޑަބްލިއުއެޗްއޯގެ ވެބްސައިޓުގައިވާ ހާއްސަ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ. ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހެވެ.
